މި ސަރުކާރުން ފްލެޓް އަޅަނީ ކުރީ ސަރުކާރަށްވުރެ އަގުހެޔޮކޮށްކަމަށް ޑިފެންސް މިނިސްޓަރ އަދި ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިންގެ މެނޭޖަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މާރިޔާ މިއަދު ވަނީ ޕީޕީއެމްގެ ސަރުކާރުގެ މަސައްކަތްތަކާއި އިދިކޮޅުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ވެވަޑައިގަންނަވަމުންދާ ވައުދުތަކަށްވެސް ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީން ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ހިޔާ މަޝްރޫޢަަށް އަަލިއަޅުއްވާލައްވަމުން މާރިޔާ ވިދާޅުވީ އެ ފްލެޓްތައް ތަރައްޤީކޮށްފައިވަނީ ވަރަށް އަގުބޮޑުކޮށްކަމަށާއި، މި ސަރުކާރުން ފްލެޓްތައް އަޅަމުންދަނީ އެއަށްވުރެ އަގުހެޔޮކޮށްކަމަށެވެ.

މާރިޔާގެ ވާހަކަފުޅުގައި ތަފްސީލްތައް ހާމަކޮށްދެއްވަމުން ވިދާޅުވީ ކުރީ ސަރުކާރުން ތަރައްޤީކޮށްފައިވާ ހަމައެކަނި 2 ކޮޓަރީގެ އެޕާޓްމަންޓްތަކެއްކަމަށާއި ނަމަވެސް މި ސަރުކާރުން 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ތަރައްޤީކުރަމުންދާކަމަށެވެ.

މާރިޔާ ވިދާޅުވީ 2 ކޮޓަރީގެ އެޕާޓްމަންޓެއް ތަރައްޤީކުރަން ކުރީ ސަރުކާރުން 62000 ޑޮލަރު ހަރަދުކުރި ނަމަވެސް މި ސަރުކާރުން 2 ކޮޓަރީގެ އެޕާޓްމަންޓްތައް ތަރައްޤީކުރަން ހަރަދުކުރަނީ 45000 އާއި 48000 ޑޮލަރުގެ ދެމެދުގެ އަގެއްކަމަށެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ތަރައްޤީކުރުމަށް ހޭދަވަނީ 67000 އާއި 6900 ދެމެދުގެ ޑޮލަރުގެ އަގެއްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކުރީ ސަރުކާރުން ހަވާލުކުރީ ހަތަރު ފާރުކަމަށާއި، ނަމަވެސް މިސަރުކާރުން ފްލެޓް ހަވާލުކުރާނީ ހުރިހާ މަސައްކަތެއް ނިންމާފައިކަމަށެވެ.

"މި ސަރުކާރުން ތަރައްޤީކުރާ އެޕަޓްމަންޓްތައް ރައްޔިތުންނަށް ދޭނީ ހުރިހާ މަސައްކަތްތަކެއް ނިންމުމަށްފަހު" މާރިޔާ ވިދާޅުވިއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން