އަންނަމަހު ހަނިމާދޫ އެއަރޕޯޓްގެ އައު ރަންވޭ ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ މިހާރު ހަނިމާދޫގައި ބޭނުންކުރަމުންދާ ރަންވޭގެ އޮޕަރޭޝަންސް އެއްކޮށް މެދުކަނޑާނުލާ އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާ ޖެނުއަރީމަހު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުގެ ދަށުން އެންމެ ބާރަށް ކުރިއަށްދަނީ ރަންވޭގެ މަސައްކަތެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އައު ރަންވޭގެ މަސައްކަތް ކުރިއަށްދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މިމަޝްރޫޢާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ ސީއޯއޯ އަޙްމަދު އިބްރާހީމް ވިދާޅުވީ ރަންވޭގެ މަސައްކަތް ނިމެންވާއިރަށް ވަގުތީ ޓަރމިނަލް ސެޓަޕެއް ހަދާ އެއަރޕޯޓްގެ ޚިދުމަތް ފުޅާކުރަން ރާވާފައިވާކަމަށެވެ.

ރަންވޭގެ އިތުރުން އެއަރޕޯޓްގައި ތަރައްޤީކުރާ ޓަރމިނަލްއާއި، ސީޕްލޭން ޖައްސާ ސަރަޙައްދާއި، ފިއުލް ސްޓޯރޭޖާއި، ފަޔަރ ބިލްޑިންގއާއި އެހެނިހެން ސަރވިސް ޢިމާރާތްތަކުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެެވެ.

ސަރުކާރުން ލަފާކުރާގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި އެކު، ފުރަތަމަ އަހަރުތެރޭ އެއެއަރޕޯޓު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެއެވެ.

މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން