ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އުޅުއްވީ "ބާޒެއްހެން"ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކަމަށް ވިދާޅުވެ، ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެމަނިކުފާނަށް ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދަށް ފާޑު ވިދާޅުވެ އަދުރޭ ވާހަަކަދައްކާފައި މިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓާއި ގުޅޭގޮތުން ރައީސް ވަހީދު ސާބިތު ނުހިފޭ ވާޙަކަތަކެއް ދައްކަމުންދާ ކަމަށް ބުނާ ދަނޑިވަޅެއްގައެވެ. އެގޮތުން ރައީސް އަބްދުالله ޔާމީނަށް އިންތިހާބަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގައި އަމަލުކުރަން އެމަނިކުފާނު އިރުޝާދު ދެއްވިގޮތަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަމަލުކޮށްފައިނުވާކަމަށް ވަހީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ވ. ފެލިދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޑރ.ވަހީދު ދެއްކެވި ވާހަކަފުޅު ދޮގުކުރައްވައި، ވަހީދަށް ރައްދު ދެއްވާފައެވެ. އަދުރޭ ވަނީ މިދިޔަ ފަސް އަހަރު ޕީޕީއެމް މަގުމަތީގައި އުޅުނުއިރު ވަހީދު އުޅުއްވީ ކޮންތާކުތޯއާއި ކޮއްދެއްވީ ކޮންމެއްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

އަދުރޭ ވިދާޅުވީ ރައީސް ވަހީދަކީ ޕީޕީއެމް ލީޑަރޝިޕްގައި ހިމެނޭ ބޭފުޅެއް ނޫންކަމަށާއި، ނަމަވެސް ޔާމީނަށް ހުކުމް ކުރެއްވުމާއެކު ޕާޓީގެ ލީޑަރޝިޕްގެ ބައްދަލުވުން ކޮންޓްރޯލްކުރަން ވަހީދު އުޅުއްވިކަމަށެވެ.

"ހަމަ ކުށްލިއަކަށް، ރައީސް ޔާމީނަށް [ރިޔާސީ އިންތިހާބަށް] ކުރިމަތި ނުލެވޭނެ ކަމަށް ސުޕްރީމްކޯޓުން ހުކުމްކުރުމާ އެކީގައި، އަނެއް ދުވަހު އަޅުގަނޑުމެން ލީޑަޝިޕް މީޓިން ބޭއްވި ގަޑީގައި، އަޅުގަނޑު އައިސް އޮފީހަށް ވަނތް އިރު ކޮޅުގޮނޑީގައި އައިސް އިށީނދެވަޑައިގެން އިންނެވީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އެތައް ދުވަހެއް ހޭދަކުރައްވަމުންދާއިރު އެމަނިކުފާނު މިނިވަންކުރައްްވަން ވަހީދު އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށެވެ. އަަދި ކުއްލިއަކަށް އުޅުނީ ބާޒެއްހެން ޕާޓީގެ ޓިކެޓް ޖަހައިގަތުމަށްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މީގެން އެއްވެސް ކަމެއް ނުކުރައްވާ ހުންނަވާފައި، ބަންކިޔާފައި އައިސް ބާޒެއް ހެން އަޅުގަނޑުމެންގެ މައްޗަށް ޖެހިގަނެފައި، ޓިކެޓް ހޯދާށޭ މިއައީ" އަދުރޭ ވިދާޅުވިއެވެ.

ބާޒެއްހެން ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން ރައީސް ވަހީދު މަސައްކަތްކުރެއްވިކަމަށް އަދުރޭ ވިދާޅުވިއިރު، ރައީސް ޔާމީން ވަނީ އެމަނިކުފާނު ޖަލަށް ގެންދިއުމުން ޕާޓީ ޖަހައިގަތުމަށް ބާޒުތަކެއް އަންނާނެކަމަށް ވިދާޅުވެ މީގެކުރިން ވާހަކަދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން