ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ށ. މިލަންދޫގައި މިރޭ ބޭއްވި ޖުމުހޫރީ ޕާޓީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކެއް އެއާ ކޮންޑިޝަން ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ވެރިކަމަށް ވަޑައިގަންނަވާތާ މާގިނަ ދުވަސްތަކެއް ނުވެ އެކަން ކޮށްދެއްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ބަލި މީހުން ބާއްވާ ހޮސްޕިޓަލްތަކުގައި ނުވަތަ ކްލިނިކުތަކާއި އަދި ބަލިމީހުން އެޑިމެޓްކޮށްގެން ބާއްވާ ތަންތަނުގައި އެއާކޮންޑިޝަން ކުރެވިފައި ނުވާ ހުރިހާ ތަންތަން އެއާ ކޮންޑިޝަން ކޮށްދެއްވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ސަލާމަތްކަމާއި ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭނެ ކަންތައްތައް.، އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ސިއްހަތެއް.، އެއަށްފަހު ތައުލީމް، އެހެންވީމަ އެއީ އަޅުގަނޑުމެން ކޮށްދޭންޖެހޭނެކަމެއް،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރަށްވާ ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި އަނިޔާވެރިކަމުގެ އެއްވެސް އަމަލެއް ނުކުރަށްވާނެ ކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތައް ހިންގަވާނީ ރައްޔިތުންނަށް އެންމެ ތަކުލީފް ކުޑަވާގޮތަށް ބަލައިގެން ކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ސިއްރުން އެއްވެސްކަމެއް ނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ދަނީ ގާނޫނު އަސާސީއާ ތަކުރާރުކޮށް ހިލާފުވަމުން ކަމަށެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރެއް ރައީސް ޞާލިޙަށް ދޭން ނުޖެހޭކަމަށާއި، އަދުގެ ސަރުކާރުންވަނީ ގާނޫނާ ހިލާފު އެތައްކަމެއް ކޮށްފައިކަމަށް ގާސިމް ވިދާޅުވިއެެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރަށްވަނީ ރައްޔިތުންގެ ހައްގުގައި އިސްލާހީ ބަދަލު ގެނައުމަށާއި ރައްޔިތުންނަށް ނިކަމެތިކަމެއް އަޔަނުދިނުމަށް ކަމަށެވެ. އެ މަސައްކަތުގައި ދެމިހުންނަވާތީ ހުރިހާ ސަރުކާރުތަކަކުން އެމަނިކުފާނަށް ތަފާތު އެކި ދުއްތުރާ ކުރަމުންދާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ތިބޭފުޅުން އަޅުގަނޑާއި ވެރިކަން ހަވާލުކޮށްފިއްޔާ މިފަދަ ނޭއްގާނީ އެއްވެސް ކަމެއް ނުހިނގާނެ.، އިއްޔެއަކުވެސް މިއަދަކުވެސް ވެރިކަން ދޭން، އަޅުގަނޑަށްވުރެ ވަކި ހައްގު އެހެންމީހަކު ނެތް." އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަަށް އައި ހުރިހާ ސަރުކާރެއް ވެރިކަމަަށް ގެނެސްދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން