ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ކަންކަން ހުއްޓުވަން އިލެކްޝަން ކޮމިޝަނުން މިރޭ ގޮވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ވިދާޅުވީ އިންތިޚާބަށް ކުރިމަތިލި މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އަންގައި އިޢުލާންކުރާ ދުވަހުން ފެށިގެން، އިންތިޚާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުވާ މީހާ އެމީހާގެ މަޤާމާ ޙަވާލުވަންދެން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން، އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ މީހުންނަށް، ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭން ގާނޫނު ލާޒިމްކުރާ ކަމަށެވެ.

ހަބީބް ވަނީ އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް ކަމަށާއި މިފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ގޮވާލާފައެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް އީސީން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާ އުމަރު ނަސީރަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްގޮސް، އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ހަބީބް ވަނީ ގޮވާލައްވާފަ އެވެ. އަދި މިއަދު ގުރައިދޫ ގައި ހިނގައިދިޔަ ބޮޑު ދެ ޕާޓީގެ ކެމްޕޭން ހަރަކާތްތަކުގެ ހަމަނުޖެހުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް ހަބީބު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން