އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާއިރު އެއްވެސް ބަޔަކު އަނެއް ބައެއްގެ ކެމްޕެއިނަށް ހުރަސްއަޅައި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ އިރުއޮއްސުނުއިރު މާލެއަތޮޅު ގުރައިދޫގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާއި ވެރިކަންކުރާ އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު މިނިސްޓަރ އިމްރާންވަނީ ޓްވީޓެއް ކުރައްވައި ނުސީދާކޮށް އެކަމަށް އަލިއަޅުއްވާލާފައެވެ. އެޓްވީޓްގައި ވިދާޅުވެފައިވަނީ ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި މިފަދަކަންކަމުން ދުރުވެތިބުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.



އިއްޔެ މާލެއަތޮޅު ގުރއިދޫގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި ވެރިކަންކުރާ އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މާރާމާރީ ހިންގައި ބައެއް މީހުންނަށް އަނިޔާވެސް ކޮށްފައިވެއެވެ. އެގޮތުން ދެމީހެއްގެ ބޯ ފަޅާލައި ލޭއޮހޮރުވާފައިވެއެވެ.

މިހަމަނުޖެހުން ހިނގީ ރޭ ގުރައިދޫގައި ކެމްޕެއިން ޖަލްސާއެއް ބާއްވަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގަންނަވާތީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ބަނދަރު ސަރަޙައްދަށް އެއްވެފައި ވަނިކޮށް އެމްޑީޕީގެ ސަޕޯޓަރުން މުއިއްޒާ ދެކޮޅަށް އަޑުއުފުލަންފެށުމާއެކުއެވެ.

ގުރައިދޫ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ޢުމުރުން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަށްރަށަށް ކެމްޕެއިނަށް ވަޑައިގަތުމުންވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ނުކުމެ މުޒާހަރާކޮށް އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލައެވެ. އަދި ހަޑިހުތުރު ބަސްތަކުން އެމަނިކުފާނާ މުޚާޠަބުކޮށް ހަޅޭއްލަވައި އަޑުގަދަކުރެއެވެ. މިފަދަ ބައެއް ރަށްރަށުގައި ހަމަނުޖެހުންވެސް އުފެދެއެވެ.

ސިޔާސީ ބައެއް ފަރާތްތަކުންވަނީ މިކަން ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް އިލްތިމާސްކޮށްފައެވެ. އަދި ރައީސް ޞާލިޙު ވަޑައިގަންނަވާ ކޮންމެ ރަށަކުން މިފަދަ ހަމަނުޖެހުންތައް އުފައްދަން އިދިކޮޅުން މަސައްކަތްކުރާނަމަ، ރައީސް ޞާލިޙުގެ ސަޕޯޓަރުންވެސް އެކަމުގެ ބަދަލުހިފަން ނުކުމެ ބޮޑުހަމަނުޖެހުމަކަށް އެކަން ވެދާނެ ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން