ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތްކަމަށާއި ވެރިކަން ހޯދަން އުޅެނީ މަކަރާ ހީލަތުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިންގެ ތެރެއިން ށ. ފުނަދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމްގެ "ވަހެއް" ވެސް ނެތް ކަމަށެވެ. އަދި އެ ޕާޓީން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަކީ ޕީޕީއެމްގެ ކެންޑިޑޭޓު ކަމަށް ބުނަމުން ދާއިރު، ޕީއެންސީ ކުލަ ރަށްރަށުން ނުފެންނަ ކަމަށް ވަހީދު ވިދާޅުވިއެވެ.

"ޕީޕީއެމްގެ ކުލަ ހުރީ. އެކަމަކު ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތޭ. މިއީ ކިހާ ބޮޑު އޮޅުވާލުމެއްތޯ. މިހާ ބޮޑު އޮޅުވާލުމާއި މަކަރާއި ހީލަތުން ވެރިކަމަށް އަންނަން މަސައްކަތް ކުރާ މީހުން ވެރިކަމަށް އައީމަ، ކިހާ ބޮޑު ހީލަތަކާއި މަކަރެއްތޯ ހަދާނީ، ކޮބައިތޯ އިތުބާރު ރައްޔިތުންގެ،" އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމު ފުރުއްވި ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ ވެރިކަން ކުރެވޭނެ ހަަމައެކަނި ބޭފުޅަކީ ޤާސިމް ކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކާ މެދުގައި ވިސްނާއިރު، ދިވެހިން ތިބީ ދަރައި ނިމި، ސަލާމަތް ނުވެވޭ ވަރުވެފައި ކަމަށެވެ.

އެހެންކަމުން މި ހާލަތުން ސަލާމަތް ކުރެވޭނެ ވެރިއަކާ މެދުގައި ވިސްނާ އިރު، ދިވެހިން ބޭނުންވަނީ އިލްމުވެރިއެއް ނުވަތަ ނުޖޫމީ އިލްމުވެރިއެއް ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މި ގައުމު ދެކެ ލޯބިވާ މި ގައުމަށް ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްދޭނެ ވެރިއެއް. އެ ބޭފުޅަކީ ގާސިމް،" ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން