ގޯތި ގުރު ނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުން މާދަމާ އޮންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ "ބިންވެރިޔާ ސްކީމުގެ" ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރު ނެގުން އޮންނާނީ މާދަމާ ހެނދުނު ގަލޮޅު ދަނޑުގައިކަމަަށެވެ. އަދި އެވަގުތަށް ގުރުނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުނެގުމަށް ހަމަޖެހިފައި ވަނީ މީޑިއާ ކުރިމަތީގައި މިނިސްޓްރީގެ ފަރާތުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުންނެވެ. ގިނަ ބަޔަކު ހުޅުމާލެއިން ގޯތި ބޭނުންވިއަސް، ހުޅުމާލެއިން ގޯތި ދޭނެ އަދަދެއް ވަނީ ކަނޑައަޅާފައެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހުޅުމާލެއިން ދޫކުރާ ގޯތިތައް ވަކި ބަޔަކަށް ލިބޭ ގޮތަށް ސަރުކާރުން ދަނީ އަމަލުކުރަމުންނެވެ. އަދި ގުރުއަތަށް ނާންނަ ބައިވެރިންގެ ކަރުދާސްކޮޅު، ފޮށި ކައިރީ ތިބޭ އޮފިޝަލުން ނަގާކަމަށާއި އަދި އޭގައި އޮންނަނީ ކީކޭކަން ނޭނގޭކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ގޯތި ދޭނެ ތަންތަން ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ވަގުތުން ފެންނަކަމަށާއި އެކަމުގައި މަކަރު ހަދަން ނުވަތަ އޮޅުވާލަން މަސައްކަތް ކުރާނެ ޖާގައެއް ނޯންނާނެކަމަށެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވުމަށް އޮންނަ ގަޑިއަށް ނާދެވޭ މީހުންގެ ކަރުދާސްކޮޅު އޮފިޝަލުން ނުނަގާނެކަމަށާއި ގުރުއަތުލުން ކުރިއަށް ދަންދެން އެ ފުރުސަތު އޮންނާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ބިންވެރިޔާ ސްކީމަށް ހުޅުވާލުމުން 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން