މިއަށްވުރެ ބޮޑަށް ރާއްޖޭގައި ހަމަޖެހުން އޮތް ޒަމާނެއް ރާއްޖެ ދެކެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން ގާއިމްކޮށްދެއްވާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވާކަަމަށެވެ. އެހެންނަމަވެސް މިއަށްވުރެ ބޮޑަށް ރާއްޖޭގައި ހަމަޖެހުން އޮތް ޒަމާނެއް ރާއްޖެ ދެކެފައި ނުވާކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ރައީސް ސާލިހަކީ ރައްޔިތުންގެ ތަރައްގީއާއި ރައްޔިތުންނާ ގުޅުންހުރި ވާހަކަތައް ދައްކަވާ ހަމައެކަނި ކެންޑިޑޭޓްކަމަށެވެ. އަދި ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހެނީ އެ ސަބަބަށްޓަކައި ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ބައެއް ކެންޑިޑޭޓުންގެ ވައުދުތަކަށް އަލިއަޅުއްވާލައްވަމުން ސަމީރު ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓުންގެ ވައުދުތަކަކީ ސަރުކާރުން ކޮށްދީފައިވާ ކަންކަންވެސް އެ ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ވެރިކަމަށް ކުރިމަތިލެއްވުމުގެ ކުރިން ރަނގަޅު މައުލޫމާތުވެސް ބައެއް ބޭފުޅުން ހޯއްދަވާފައި ނުވާކަން އެނގޭ" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ބައެއް ބޭފުޅުން ވެރިކަމަށް ކުރިމަތިލަނީ ދެވަނަ ބުރެއްގައި ކޯލީޝަން ހަދައިގެން ސަރުކާރުގެ ހިއްސާ ހޯދުމުގެ އަމިއްލަ އެދުމުގައިކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އިހްލާސްތެރި ނިޔަތާއެކު ވެރިކަމަށް ކުރިމަތިލައްވާނީ ރައީސް ސާލިހު އެކަނިކަމަށްވެސް ސަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން