އަހުމަދު އިބްރާހިމް   21 އޯގަސްޓު 2023 - 13:10
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އުޘްމާން ޢަބްދުﷲ އަވަހާރަވެއްޖެއެވެ.

މަޢުމޫމާތު ލިބިފައިވާގޮތުގައި ޢުޘްމާން ޢަބްދުﷲ އަވަހާރަވީ މާލޭގައި ރޭ ފަތިހުގެ ވަގުތެއްގައެވެ.

އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ފަޟީލަތުއްޝައިޚު ޢުޘްމާން ޢަބްދުﷲ، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދްމަތުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުންވަނީ 2012ވަނަ އަހަރު އޭނާއަށް ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ.



ޢުޘްމާން ޢަބްދުﷲ، ވަނީ ގާތްގަނޑަކަށް 40އަށްވުރެ ގިނަ ހަރު ދީނީ ރޮނގުން ތަފާތު އެތައް ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައެވެ.

ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެން، ފުރަތަމަ ކުރެއްވީ، ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް އެކިރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތްޕުޅެވެ. އޭގެފަހުން [މަދްރަސަތުއްޠައިބާ]ގެ ނަމުގައި މާލޭގައި ސްކޫލެއް އުފައްދަވައި، އެތަން އުވާލަންދެންވެސް އެތަނުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި އޭނާގެ އުފަން ރަށް ށ. މަރޮށީގައި އޭނާގެ ޢާއިލީ ސްކޫލެއް ކަމުގައިވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން ޢަމަލީގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލެވިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށްގިނަ ރަށްރަށަށް ޢުޘްމާން ވަނީ ޒިޔާރަތް ކުރައްވައި، ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ.



ދާދިފަހަކާ ޖެހެންދެން ޢުޘްމާން ޢަބްދުﷲގެ އަޑަކީ ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތަކުން އިވޭ މަޝްހޫރު އަޑެކެވެ. އޭނާއަކީ ލިބިވަޑައިގެންފައިވާ ޢިލްމު، މުޖުތަމަޢުގެ ފައިދާއަށްޓަކައި ބޭނުންކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސްއިން ފޮނުއްވާ ދީނީ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، ތަފާތު އެތައް މައުޟޫޢަކަށް ދީނީ ނަސޭހަތްވަނީ ދެއްވާފައެވެ. އަދި ވަގުތުން ގެނެސްދޭ އެކި ޕްރޮގްރާމްތަކުގައިވެސް ބައިވެރިވެވަޑައިގެން، ޢާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ޢުޘްމާނަށް އެނގިވަޑައިގެން ހުންނެވި މިންވަރަކުން ދީނީ ކަންކަން ގެންދެވީ ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވަމުންނެވެ.



ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީވެސް ޢުޘްމާން ޢަބްދުﷲ އޭ ދެންނެވިދާނެއެވެ. 1983 ވަނަ އަހަރު، އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ޒަކާތާބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު، ޢުޘްމާން ޢަބްދުﷲއާ ހަވާލުކުރެއްވިއެވެ. ޢުޘްމާން ހުށަހެޅުއްވި ޒަކާތާބެހޭ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސް އިން ފޮނުއްވާފައެވެ.



ޢުޘްމާން ޢަބްދުﷲއަކީ، ދީނީ ރޮނގުންވެސް ތަފާތު އެތައް ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި [ދަމުނަމާދާއި ސުންނަތް ނަމާދުތައް] މިފޮތާއި، [އިސްލާމްދީނުގައި އަންހެނުންގެ ޢައުރަ] މިފޮތް ހިމެނެއެވެ. އަދި ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރެއިން [ފިޤުހުއް ސުންނާ] މިފޮތާއި، ނަމާދާއި، ޙައްޖާއި، ރޯދައާ ބެހޭގޮތުން ކުރެވިފައިވާ ސުވާލުތަކަކަށް، ސަޢުދީ ޢަރަބިއްޔާގެ މުފްތީއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު ޢުޘައިމީން ދެއްވާފައިވާ ޖަވާބުތަކެއްގެ ތަރުޖަމާ ހިމެނެއެވެ. މިދެންނެވި ހުރިހާ ފޮތްތަކަކީ، ޗާޕުކުރައްވައި ޝާއިޢު ކުރައްވާފައިވާ ފޮތްފޮތެވެ.



ޢުޘްމާން ތަރުޖަމާ ކުރައްވައި، ޝާއިޢު ނުކުރެއްވި ހުރި ވަރަށްގިނަ ފޮތްތައްވެސް އެބަހުއްޓެވެ. އޭގެތެރޭގައި، ކީރިތި ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم ގެ ސީރަތުގެ މައްޗަށް ތަރުޖަމާ ކުރައްވާފައިވާ ފޮތާއި، [އުންމަތުގެ ޢާންމު މުސްލިމުންނަށް ބޭނުންތެރި ފިލާވަޅުތަކެއް] މިފޮތާއި، ސޫރަތުލް ފާތިޙާއާ ގުޅިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެއްވެސް ހިމެނެއެވެ.



ޢުޘްމާންގެ އެކިއެކި ލިޔުއްވުންތައް، ރާއްޖޭގެ އެކިއެކި ނޫސް މަޖައްލާތަކުގައިވެސް ވަނީ ޝާއިޢު ކުރައްވާފައެވެ. އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަފްތާއަކު އެއްފަހަރު ނެރުއްވި ގެންދެވި [ދީނުގެ މަގު] މިނޫހަށްވެސް އޭނާ ގަވާއިދުން ލިޔުއްވާފައިވެއެވެ.



ކުރީގެ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ، މުދައްރިސެއްގެ ގޮތުން ޢުޘްމާނުވަނީ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. އަދި އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވައިދެއްވައި، އިމާމުން ތަމްރީނު ކުރެއްވުމުގައިވެސް ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރައްވާފައިވެއެވެ.



ޢުޘްމާން ޢަބްދުﷲ އަކީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން