އެމް.ޑަބްލިޔު.އެސް.ސީއިން ބ. ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ.

ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، އެމް.ޑަބްލިޔު.އެސް.ސީގެ ބައެއް މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.



ބ. ގޮއިދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ.

ގޮއިދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިންގ ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ ޢިމާރާތްކޮށް، ޕަމްޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް އަޅާފައެވެ. މީގެއިތުރުން، ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދެވިފައި ވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަދި މިމަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ފޯރުކޮށް ދީފައެވެ.



ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 46.30 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން