ކުރީ ސަރުކާރުން ފްލެޓާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ވިނަރެސް އެޕާޓުމަންޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެފަހު ވަގުތު ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ބުނެ ލިޔުން ހަވާލުކުރި ފަރާތްތަކަށް ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަކްރަމް ވިދާޅުވީ ކުރީގެ ސަރުކާރުން ގޯތި ނުވަތަ ފުލެޓް ލިބޭނެ ކަމުގެ ލިޔުން ދިން ބައެއް ފަރާތްތަކުން އެ ލިޔުން ހިފައިގެން މިނިސްޓްރީ އަށް އަންނަމުންދާ ކަމަށެވެ.

އެހެން ނަމަވެސް ބަޔަކަށް ގޯތި ދިން ކަން މިނިސްޓްރީގެ ރިކޯޑް ތަކުން ފެންނަން ނެތް ކަމަށް އަކްރަމް ވިދާޅުވިއެވެ. އޭނާ ވަނީ ކުރީގެ ސަރުކާރުން ލިޔުން ލިބުނު މީހުން ކުރިއަށް އޮތް ހަފުތާ ތެރޭގައި އެލިޔުން މިނިސްޓްރީއަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އަދި އެފަރާތްތަކަށް ވެސް ގޮތްތަކެއް މި ސަރުކާރުން ހަމަޖައްސާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.



"އަޅުގަނޑުމެން މި އިއުލާންކުރަނީ، އެފަދަ ފަރާތްތަކުން ހުރި ލިޔުންތައް މިނިސްޓްރީއަށް އެއް ހަފުތާ ތެރޭގައި ހުށަހަޅުއްވާ, ދެން އޭގެ ސައްހަކަމަށް ބަލާ އެބޭފުޅުންނަށް ގޮތެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." އަކްރަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން