އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕެއިނުން ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރާކަމަށްބުނެ ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދޮގުކުރައްވައިފިއެވެ.

ރައީސް ޞާލިޙުގެ ކެމްޕެއިން މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ކެމްޕޭން ތަރުޖަމާން، މިނިސްޓަރ މާރިޔާ ވިދާޅުވީ ދައުލަތުގެ ވަޞީލަތްތަކާއި މުވައްޒަފުން ނަހަމަގޮތުގައި ބޭނުންކުރާކަމަށް ބުނެ އެމްޑީޕީއަށް ކުރާ ތުހުމަތަކީ ހަޤީޤަތާ ޚިލާފު ތުހުމަތު ތަކެއްކަމަށެވެ. އެފަދަކަމެއް ރައީސްގެ ކެމްޕެއިނުން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސްގެ ކެމްޕެއިން ޙަރަކާތްތަކަށް ޚަރަދުކުރަނީވެސް އަދި ބާއްވާ ހަރަކާތްތައް އިންތިޒާމުކޮށް އެންމެހައިކަމެއް ކުރަނީވެސް އެމްޑީޕީންކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ މިފަދަ ޙަރަކާތްތަކަކީ އެކިތަންތަނުގެ މުވައްޒަފުން ބޭނުންކޮށްގެންނާއި މީސްމީހުންނަށް ފައިސާ ދީގެން ކުރާ ކަންކަން ނޫންކަމަށެވެ. އަބަދުވެސް އެޕާޓީން މިފަދަ ކެމްޕެއިންތައް ކުރިއަށްގެންދަނީ ޕާޓީގެ ސިޔާސީ ޙަރަކާތްތެރިންކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެރިކަންކުރާ ޕާޓީން ދައުލަތުގެ ވަސީލަތްތައް ކެމްޕޭންގައި ބޭނުންކޮށް އަދި ތަރައްގީގެ ބައެއް މަޝްރޫއުތައް ކެމްޕޭނާ ދިމާކޮށް ހިންގަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން