އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މުސާރަ ބޮޑުކުރުމުން ދައުލަތުގެ 44،281 މުވައްޒަފުންގެ މުސާރަ އެންމެ ދަށްވެގެން 40 ޕަސެންޓުން ބޮޑުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

ބ. ތުޅާދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ބޮޑު ކުރަށްވާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ 44،281 މުވައްޒަފުންގެ މުސާރަ އެންމެ ދަށްވެގެން 40 ޕަސެންޓުން ބޮޑުވެގެންދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވަނީ ބައެއް ދާއިރާ ތަކުގެ މުސާރައަށް އަންނާނެ ކުރިއެރުންތަކުގެ ތަފްސީލް ހިއްސާކުރަށްވާފައެވެ.

އެގޮތުން ފުލުހުންގެ ކޮންސްޓަބަލްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް، ޗީފް އިންސްޕެކްޓަރުންގެ މުސާރަ 34،300ރ. އިން 48،000ރ. އަށް، ސިފައިންގެ ޕްރައިވެޓުންގެ މުސާރަ 11،500ރ. އިން 16،100ރ. އަށް، ކައުންސިލުގެ މުވައްޒަފުންގެ މުސާރަ 7،200ރ. އިން 10،500ރ. އަށް، ސިވިލް ސާވިސް ޑަައިރެކްޓަރުންގެ މުސާރަ 16،000ރ. އިން 23،200ރ. އަށް ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެކަމުގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށެވެ. އަދި މުސާރައަށް ގެންނަ ބަދަލާއެކު ކޮންމެ އާއިލާއެއް ވެސް ފުދުންތެރި އާއިލާއަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކިހިނެއްތޯ 10،000ރ. ލިބޭ މީހަކު ތަނެއް ކުއްޔަށް ހިފައިގެން އުޅޭނީ. ޖީޑީޕީ ދެ ގުނަ ކުރަން މަސައްކަތް ކުރަނީ. އެއާ އެކީގައި މި ލިބޭ އާމްދަނީ ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.

އިތުރަަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީހަމަޖެހިލައިގެން އާއިލާއާއެކު އުޅެވޭނެ ގޮތް ހޯދައިދިނުމުން އެކަން މަސައްކަތުންނާއި މުވައްޒަފުންގެ ވިސްނުމުން ފެންނާނެ ކަމަށެވެ. ރައީސް މިރޭ ވިދާޅުވީ ވިޔަފާރި ކުރަން ބޭނުންވާ މީހާ ވިޔަފާރިކުރަން ފުރުސަތު ސަރުކާރުން ހުޅުވާލަން ޖެހޭ ކަމަށެވެ. އަދި ވިޔަފާރިއަށް ލުއި ފަސޭހަ ހުރިހާ ގޮތެއް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން