ރިޔާސީ އިންތިހާބު 60 އިންސައްތަަ ވޯޓާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކާމިޔާބު ކުރަށްވާނެ ކަމަަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ރޭ ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ، ރައީސް ސާލިޙު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވާނީ 60 އިންސައްތަ ވޯޓް ހޯއްދަވައިގެން ކަމަށެވެ. މޫސަ ވިދާޅުވީ ރިޔާސީ ޕްރައިމަރީ ތެރޭގައި ރައީސް އާއެކު ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ޒިޔާރަތްކުރެވުނު ކަމަށެވެ. ކޮންމެ ރަށަކުން ވެސް ފެންނަނީ މިއިން ޒަމާނަކު ރާއްޖެއިން ނުދެކޭ ފަދަ ތަރައްގީ ކަމަށް މޫސަ ވިދާޅުވިއެވެ. ވޭތުވެ ދިޔަ ތިރީހަކަށް އަހަރު ސަރުކާރުން ރައްޔިތުން ގެންގުޅުނީ "ހައްދައިގެން" ކަމަށް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑު އަދި މިދިޔައީ އަދި ޕާޓީގެ ޕްރައިމަރީއަކަށް ރަށްތަކަށް، ރައީސް ވަޑައިގަތީމަ ރައްޔިތުން މި ބުނަނީ ރައީސް ބައްލަވާ މި ރަށުގެ ބަނދަރު އޮތީ ނިމިފައި، ނަރުދަމާ ނިމިފައި، މަލްޓި ޕާޕަސް ހޯލް ނިމިފައި، މިހެން ގޮސް ހުރިހާ ނިމިފައި. އެކަމަކު ބަނދަރުގެ ފައިކަށި ކުޑަކޮށް މިއަތަށް ޖައްސަވައި ދެއްވާ، އޭރުން އަޅުގަނޑުމެންނަށް ނިމުނީއޭ، ރިޔާސީ ޕްރައިމަރީ ނިމުނުއިރު ރާއްޖޭގެ އެއްވެސް ރަށެއް ނެތް، ކުޑަ ރަަށެއް ބޮޑު ރަށެއް ނުބަލައި އެއްވެސް ޕްރޮޖެކްޓެއް ނުހިންގައި އޮތް ރަށެއް،" މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ކާކުތޯ ބެލުމަށް ކުރީގެ ރައީސް ވަހީދާއި ޑރ. މުޙައްމަދު މުއިއްޒާއި ގެންގޮސް ތަހުގީގެއް ފަށަންޖެހޭ ކަމަށެވެ. އެގޮތުން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ވަހީދުކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަކީ ސައްޙަ ކެންޑިޑޭޓެއްތޯ ބަލަން ޖެހޭ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން