މާލޭގައި ކެމްޕެއިން ޖަލްސާތައް ބޭއްވުމަށްޓަކައި ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ފަރާތްތަކަށް ދިނުމަށްޓަކައި މަޝްވަރާކުރެވި ކައުންސިލުން ހުއްދަތައް ދެމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި މާލެ ސިޓީގައި ވަނީ ވަރަަށް ގަދަވެފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކާއި ޖަލްސާތައް މާލޭގައި ވެސް އަންނަނީ ބާއްވަމުންނެެވެ.

އެ ޖަލްސާތައް ބޭއްވުމުގެ ހުއްދަ ދެނީ މާލޭ ސިޓީ ކައުންސިލުންނެެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުއްދައަށް އެދިފައިވާ ސިޓީތަކަށް ޖަވާބު ދިނުމަށް ވަގުތު ނަގާފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ސިޔާސީ ހަރަކާތްތައް ހިންގުމަށް ސިޓީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ސަރަހައްދުތައް ބޭނުންވެގެން އެދިފައިވާތީ ކަމަށެވެ.

"ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ފަރާތްތަކަށް ދިނުމަށްޓަކައި މަޝްވަރާ ކުރެވި ކައުންސިލުން މިހާރު ވެސް ދަނީ މިފަދަ ހުއްދަތައް ދެމުން،" މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހެން ބުނެފައިމިވަނީ އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއް ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ނުދިން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން