އަމިއްލަ މީޑިއާތައް ހިންގުމަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގަައި ހިމަނައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ 'ހެޔޮވެރިކަން' ސިޔާސަތުގައެވެ. އެ ސިޔާސަތު މިރޭ ހާމަކޮށްފައިވަނީ ބ. ދަރަވަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

އެ ސިޔާސަތުގައި ހިމެނޭ "ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން" ބައިގައި ބުނެފައިވަނީ މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަކަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރާނެ ކަމަށެވެ.

އަދި އެ ފައިސާ ދޫކުރެވޭނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެ ކަމަށް މެނިފެސްޓޯގައިވެއެވެ. އަދި މީޑިއާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ، ތެދު އަދި ވެރިފައިކުރެވިފައިވާ ހަބަރުތަކާ މައުލޫމާތުތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ހަރުދަނާ އިންތިޒާމުތައް މީޑިއާ ކައުންސިލުން ގާއިމްކުރާނެ ކަމަށްވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވާގޮތުގައި ދިވެހި ސްޓްރީމިން ސާވިސް ތަކާއި، ޕޮޑްކާސްޓިން، އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ކްރިއޭޓްކުރާ ފަރާތައް ކުރިއެރުމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް އަދި ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން އެސްޑީއެފްސީ މެދުވެރިކޮށް ފޯރުކޮށްދޭނެއެެވެ.

މީގެއިތުރުން އައު ނޫސްވެރިން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުން ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން