ރައްޔިތުންގެ މަޖިލީހަށް ގާނޫނުން ލިބިދޭ ބާރު ނާޖާއިޒުގޮތުގައި ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ނުދީ ހިފަހައްޓައިގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ބ. ދަރަވަންދޫގައި މިރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ހެޔޮވެރިކަމެއް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން މަޖިލީހަށް ހުށަަައެޅޭ ގާނޫނުތައް އަވަހަށް ފާސްކޮށް ނިންމަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މަސައްކަތް ހުއްޓުމުން އެތައް ގާނޫނެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އޭގެ ތެރޭގައި މަސައްކަތްތެރިންނާއި ބެހޭ މުހިންމު އެތައް ގާނޫނެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެެވެ.

"މަޖިލީހުގެ ރިޔާސަތާއި މެމްބަރުންނާއި ދޭތެރޭގައި އުފެދިފައިވާ ސިޔާސީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި މިހެން ހުރި ކަންތައްތައް ހުއްޓިގެންނެއް ނުވާނެ، ހެޔޮވެރިކަމެއް ކުރަން ބޭނުން ކަމަށް ވަންޏާ ރައްޔިތުންނަށް މި ބޭނުންވާ ޚިދުމަތްތައް އަޅުގަނޑުމެން ދޭން ބޭނުންވާ ކަމަށް ވަންޏާ ހަމައެކަނި ހިގަންޖެހޭނީ ސަރުކާރު އެކަންޏެެއް ނޫން، ރައްޔިތުންގެ މަޖިލިސް ބަރާބަރަށް ހިގަންޖެހޭނެ، ޝަރުއީ ދާއިރާ ވެސް ބަރާބަރަށް ހިގަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގާނޫނު އަސާސީން ދައުލަތުގެ ތިން ބާރަށް ވެސް ގާނޫނީ ބާރުތަކެއް ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ގާނޫނީ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެެ.

"އެ ޤާނޫނީ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ދޭންވާ ޚިދުމަތްތައް ނުދީ ހިފަހައްޓައިގެން ތިބެވިގެން ނުވާނެ، އެއާ ދޭތެރޭގައި ދެން އަޅަންޖެހޭ ފިޔަވަޅެއް ނޫނީ ދެން ކުރަންޖެހޭ ބަޔަކު އަޅުގަނޑު ހިތުންް ލަސްނުވެ ކުރަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން