އަހުމަދު އިބްރާހިމް   23 އޯގަސްޓު 2023 - 12:39
ރާއްޖޭގެ ސިޔާސީ އިސްލާޙީ މަސައްކަތުގެތެރެއިން ފާހަގަކޮށްލެވުނު މަޝްހޫރު، އަޙްމަދު އިބްރާހީމް ދީދީ (ސަންދާނު އަހަންމައިދީ) ނިޔާވެއްޖެއެވެ.

ސަންދާނު އަޙަންމައިދީ އަކީ ރާއްޖޭގެ ޒަމާނީ ޑިމޮކްރެސީއަށް ކުރި ދަތުރުގެ ވަރަށްކުރީކޮޅު ޑިމޮކްރަސީއާއި ސިޔާސީ އިސްލާޙުގެ ވާހަކަ ދައްކަވައިގެން ވަރަށްބޮޑެތި އަދަބު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ސަންދާނު އަހަންމައިދީގެ ނަމުން މަޝްހޫރުވީ އޭރު ރައީސް މައުމޫނުގެ ވެރިކަމުގައި ސަރުކާރުގެ ޚުދުމުޚުތާރު ކަމާއި ޑިމޮކްރަސީއާ ޚިލާފު ކަންކަމާއި އަނިޔާވެރިކަމާ ބެހޭގޮތުން ނެރުނު މަޝްހޫރު ސަންދާނު ނޫހަށް ނިސްބަތްކޮށެވެ. އަހަންމައިދީއަކީ އެނޫހުގެ އެއް މުއައްސިސެވެ.

އޭނާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އުމުރުން 72 އަހަރުގައި އޭނާ ނިޔާވީ ބަލިވެ އުޅޭތާ ގިނަދުވަސްތަކަކަށް ފަހުއެވެ. އަހައްމައިދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރުނަމާދަށްފަހު ހުޅުމާލޭ މަސްޖިދުލް ޒައިދު ބިން ސާބިތު ގައެވެ.

އަހަންމައިދީ ސަންދާނު ނެރުނު ދުވަސްވަރަކީ އެބާވަތުގެ ނޫސްމަޖައްލާ ނެރުން ހުއްދަ ދުވަސްވަރެއް ނޫނެވެ. އެހެންނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި އިންޓަނެޓް މެދުވެރިކޮށް ސަންދާނު ނެރެ ޢާންމުންނަށް ފޯރުކޮށްދިނެވެ. އަދި ބައެއް މީހުން އެނޫސް ޗާޕްކޮށްގެންވެސް ގެންގުޅުނެވެ. އެއީ އަހަންމައިދީ އިތުރު ބަޔަކާ ގުޅިގެން ދިވެހި ދައުލަތާ ދެކޮޅަށް ކުރެއްވި މަސައްކަތެއްކަމަށް އޭރުގެ ސަރުކާރުން ނިންމިއެވެ. އެމަސައްކަތް ކުރުމުގެ ކުށުގައި 2002ވަނަ އަހަރު އަހައްމައިދީ އުމުރަށް ޖަލަށް ލިއެވެ. އެހެންނަމަވެސް 2006ވަނަ އަހަރު ރައީސް މައުމޫން ވަނީ އޭނާއަށް މަޢާފް ދެއްވާފައެވެ.

ސަންދާން ނެރުނު މައްސަލާގައި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ)އާއި ފާޠިމަތު ނިސްރީނާއި އަޙްމަދު އިބްރާހީމް ދީދީ (ސަންދާނު އަހަންމައިދީ)އަށް ބޮޑެތި އަދަބު ލިބުނެވެ.

އަޙްމަދު އިބްރާހީމް ދީދީ (ސަންދާނު އަހަންމައިދީ) މިނިވަންވުމަށްފަހު ފަހުން މަސައްކަތްކުރެއްވީ އިންސާނީ ހައްގުތަކުގެ ދާއިރާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން