ދައުލަތަށް ލިބެން ހުރި ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަށް ލުމުން ފައިސާ ނުހުންނާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ރައްދު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ބ. ކުޑަރިކިއްޔަށް ވަޑައިގެން އެރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަލުކުރެއްވުުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ދައުލަތަށް ލިބެން ހުރި ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަށް ލީމާ ފައިސާ ނުހުންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމައްސަލަ ބަލާ ކޯޓުން ހުކުމްކުރުމުން ކުރީގެ ރައީސް ޔާމިން ދޫކޮށްލަން ބަޔަކު ގޮވާލަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު އެކަން ކުރައްވާނީ ކިހިނެއްތޯއޭ ވިދާޅުވެ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާއަށް އެމަނިކުފާނު ނުފޫޒު ނުފޯރުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތަށް ލިބެން ހުރި ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަކަށް ލީމަ ފައިސާއެއް ވެސް ނުހުންނާނެ، ދެން އެކަންތައްތައް ބަލާފަ ކޯޓުން ނިންމީމަ މި ބުނަނީ ދޫކޮށްލާށޭ، ކިހިނެއްތޯ އެކަން ކުރަނީ އަޅުގަނޑު. ކޯޓުތަައް މިނިވަންކަމާއެކީ އެބަ މަސައްކަތް ކުރޭ، އެބޭފުޅުންގެ ޕްރޮސެސް އަށް އަޅުގަނޑުމެން ފުރުސަތު ދޭންޖެހޭ، ޖާގަ ދޭންޖެހޭ. އަޅުގަނޑު ނެތިން ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާކަށެެއް. މިނިވަންކަމާއެކީގައި އެކަން ކުރެވެންޖެހޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ނާޖައިޒު ގޮތުގައި ނުކުރައްވާނެ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، ވެރިއަކަށް ހުންނަ މީހަކު ބޭނުންވެއްޖެނަމަ ނެގޭނީ ސުޕްރިމް ކޯޓުގެ ފުރާޅުގެ ޓިނު އެކަނި ނޫން ކަމަށެވެ. އަދި ވެރިއަކަށް ހުންނަ ބޭފުޅާ ބޭނުންނަމަ އެއްފަހަރާ ހުރިހާ ކޯޓެއްގެ ޓިނުވެސް ނެގިދާނެ ކަމަށް ރަައީސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެ ލިބިފައި އޮތް ބާރު ނާޖާއިޒުގޮތުގައި ބޭނުންކުރާނެ މީހެއް ނޫން. ތިމާއަށް ވެރިކަމެއް ލިބުނީމާ ގާނޫނުތަކާއި ގާނޫނު އަސާސީން ލިބިފައި ހުރި ބާރު އެއީ ބޭނުންގޮތަކަށް ތިމާ ހިތުހުރި ގޮތަކަށް ބޭނުންކުރަން ލިބިފައި ހުރި އެއްޗެއްކަމުގައި ވާނަމަ ގައުމު ވެއްޓިގެންދާނީ ހަމަ ނުޖެހުމުގެ ތެރެއަށް." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން