ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ދިޔުމާއި ކަންކަމުގައި ހަރަކާތްތެރިވުމަށް ހުރަހެއް ނޯންނާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނަށް ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ދިއުމުގެ ހައްގު އަންހެން ކަނބަލުންނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދީނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތި ނުކުރަށްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު ކުރިމަތިލެއްވީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް، ހިމާޔަތް ކުރުމަށާއި ގައުމުގެ އިގުތިސޯދު ނަގަހައްޓައި ދެމެހެއްޓުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

މިޖަލްސާގައި ޤާސިމް ވަނީ ހެނބަދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަން ހާމަކުރަށްވާފައެވެ. އެގޮތުން ރައްޔިތުން އެދުނު ގޮތަށް ބިން ހިއްކުމާއި ކްލާސްރޫމްތައް އޭސީކުރުމާއި ފުޓްބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ އެޕާޓީގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކްލާސްރޫމްތައް އޭސީކޮށް، ސްމާޓް ބޯޑު ހަރުކޮށް، 75 އިންޗީގެ ޓީވީ ބެހެއްޓުމަށް ހިމަނާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކޮމްޕިއުޓާ ލެބްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން