ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ރާއްޖޭގެ ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް އޮތް ތާއީދު ފެނި، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ކެމްޕޭން ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް ސާލިޙު ރަށްރަށަށް އަރާވަޑައިގަތުމުން އެމަނިކުފާނަށް އޮތް ތާއީދު ފެނި، އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. މާރިޔާ ވިދާޅުވީ ރައީސް ސާލިޙު ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ލިސްޓު ވަރަށް ދިގު ކަމަށެވެ. އަދި އެ ޚިދުމަތްތައް އެމަނިކުފާނު ކޮށްދެއްވީ ކޮވިޑުގެ ނުރައްކަލުގެ ތެރޭގައި ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް ސާލިޙު އެންމެ ފަސް އަހަރު ތެރޭގައި، މިއިން ޒަމާނަކު ނުގެންނަ ވަރަށް ރަށްރަށަށް ތަރައްގީ ގެނެސްދީފައިވާ ކަމަށެވެ. ރައީސް ކެމްޕޭނަށް ރަށްރަށަށް ވަޑައިގަތުމުން އޭގެ ނަތީޖާ ފެންނަމުންދާކަމަށް މާރިޔާ ވިދާޅުވިއެވެެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ އިދިކޮޅު ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަމުގައި ތިބިިއިރުވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ކަމަށެވެ. އަދި އޭރު ނުކުރެވުނު ކަންކަމުގެ މައްޗަށް މިއަދު ވައުދުތައް އިދިކޮޅު ފަރާތްތަކުން ވަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެގޮތުން ބަނދަރާއި، ފެނާއި ނަރުދަމާފަދަ އަސާސީ ޚިދުމަތްތަކުގެ ވާހަކަ ދައްކަވަމުން ގެންދަވާ ފަރާތްތަކަކީ މީގެ ކުރިންވެސް ސަރުކާރުތަކުގައި އެކަންކަން ކުރައްވަން ފުރުސަތު ލިބި އެ ފުރުސަތުގެ ބޭނުން ނުހިފި ބޭފުޅުން ކަމަށް މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން