އަހުމަދު އިބްރާހިމް   23 އޯގަސްޓު 2023 - 22:35
ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަކީ ހާސް ނިއުމަތަށްވުރެ އަގުބޮޑު އެއްޗެއްކަމަށާ، މިއަދު މިޤައުމު މިއޮތީ "ކުރަފަތެއްގެ މިޔަ މަތީގައި" ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މިއަދު ނ. ކެނދިކުޅުދޫގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ، މިސަރުކާރުންވަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނުރައްކަލަށް ހުށަހަޅާފައިކަމަށާ، މިއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މިސަރުކާރަށް އިތުރު ދައުރެއް ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. ޤައުމުގެ މިނިވަންކަމަށް ނުރައްކަލެއް ކުރިމަތިވާފަދަ އެއްވެސްކަމެއް ކުރުމަކީ ތަޙައްމަލުކުރެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއާއެކު ޖުމްހޫރީ ޕާޓީން ގުޅިގެން މިސަރުކާރު އެކުލަވާލުމަށް ހެދި ކޯލިޝަނާމެދު ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ، ކޯލިޝަންގެ ގޮތުގައި ޕާޓީތައް އޮންނައިރު ސަރުކާރުން ކުރާ ކަންކަމަކީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކުރާ ކަންކަމަށް ވާންޖެހޭނެކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ކުރައްވާފައިވާ ބޮޑެތި ބައެއްކަންކަމަކީ ޖުމްހޫރީ ޕާޓީއާ އެއްވެސް މަޝްވަރާއެއް ކުރެއްވުމެއްނެތި ކުރެއްވި ކަންކަންކަމުގައި ޤާސިމް ފާހަގަކުރެއްވިއެވެ. މިއަދު މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލުއޮތީ ނުރައްކަލުގެ ތުންފަތްމަތީގައި ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިޙާލަތަށް މިޤައުމު ވައްޓާލީ މިސަރުކާރުންކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ޤައުމެއް ތަރައްޤީ ކުރެވޭނީވެސް އެހެންކަންކަން ކުރެވޭނީވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެގޮތުގައި އޮވެގެންކަމަށާ، އެހެންނޫންނަމަ އެއިން ކަމަކުން ލިބޭނެ މޮޅެއް ފައިދާއެއް ނެތްކަމަށް ޤާސިމް ވިދާޅުވިއެވެ.

މިސަރުކާރުން ވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއިން ބޭރުގެ ނުފޫޒު ވަނުމުގެ ޖާގަ ދީފައިކަމަށާ، މިސަރުކާރުގެ ޚާރިޖީ އަދި އިޤްތިސާދީ ސިޔާސަތުގެ ސަބަބުން ޤައުމުގެ މިނިވަންކަމަށް ނުރައްކާވެފައިވާކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން