ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެވަނަ ދައުރެއްގައި ދުވާފަރަށް ތަރައްގީގެ ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

އެ ވައުދުތައް ހާމަކޮށްފައި ވަނީ މިރޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި ދުވާފަރުގައި މިހާރު ހިއްކާފައިވާ 22 ހެކްޓަރު ބިމުގައި ފްލެޓާއި ރޯހައުސް އަޅުއްވާނެ ކަމަށެވެ. އަދި ރަށުގެ ސިއްޙީ މަރުކަޒުން ފޯރުކޮށްދެމުން އަންނަ ޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވައި އިތުރު ޚިދުމަތްތައް ދެއްވަން ފަށްޓަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ދުވާފަރުގައި ބަހުގެ ޚިދުމަތް ފަށްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.



މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ބައެއް އުޅޭ ރަށަކަށްވުމުން ދުވާފަރުގައި މަސް ޕްރޮސެސްކޮށް މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ އިންތިޒާމްތައް ދެވަނަ ދައުރުގައި ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓަށް އެދި އެރަށު ރައްޔިތުން ކުރާ އުއްމީދު ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ އުއްމީދުވެސް އެމަނިކުފާނު ދެއްވިއެވެ.

"ތިޔަބޭފުޅުންގެ ތިޔަ އެދުމާ އެކީގައި އަޅުގަނޑު ޕްލޭނިން މިނިސްޓްރީ އާއި، ޕޮލިސީ ޓީމު އަދި ފައިނޭންސް މިނިސްޓްރީއާއެކު އަދި އިށީންނާނަން. ތިޔަބޭފުޅުން އުންމީދު ގެއްލުވާނުލާ. އަޅުގަނޑުމެން ތިޔަބޭފުޅުންނަކަށް ދެރަގޮތެއް ނުހަދާނަން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރ. ދުވާފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެ ރަށުގެ ގިނަ އަދަަދެއްގެ ބަޔަކާއި އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ. އަދި އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްޑީއޭގެ ގިނަ ބަޔަކުވެސް މި ޖަލްސާގައި ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން