އަސާސީ ޚިދުމަތްދޭ ކުންފުނިތަކުންދޭ ވަޒީފާތައް އިތުރުކުރަންޖެހޭކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެންމެ މުހިންމު ތަނބު ނުވެއްޓޭނެ ގޮތަކަށް ރައީސް ސާލިހުގެ ސަރުކާރުން ހިފަހައްޓަމުންދާ ކަމަށެވެ.

ސިޔާމްގެ ވާހަކަފުޅުގައި ވަނީ ސަރުކާރު ކުންފުނިތަކުން ވަޒީފާ ދޭތީ އިދިކޮޅުން ކިޔާ ފާޑު ކިޔުންތަކަށް ރައްދު ދެއްވާފައެވެ. ސިޔާމް ވިދާޅުވީ ފެނަކައާއި ސްޓެލްކޯ ފަދަ ކުންފުނިތަކުން ގިނަ ވަޒީފާތަކެއް ރައްޔިތުންނަށް ދެމުންދާކަމަށް ބުނި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި އަސާސީ ޚިދުމަތްތައް ދޭ އެފަދަ ކުންފުނިތަކުން ދޭ ވަޒީފާތައް އިތުރުކުރަން ޖެހޭކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

"އެ މުވައްޒަފުންނަށް ހަގީގަތުގައި ފެން އެއީ އަސާސީ ޚިދުމަތެއް. އެ ފެން ރަނގަޅަށް ދިނުމަށްޓަކައި އަދި ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި އަދި ނަރުދަނާ ފުރިހަމައަށް ދިނުމަށްޓަކައި ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާނެ ކަމާއި މެދު ޝައްކަތްނެތް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ އެ ކުފުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އަދިވެސް މަދުކަމަށާއި އަސާސީ ޚިދުމަތްދޭ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މިހާރަށް ވުރެ އެއްގުނަ އިތުރަށް ޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ.

ސިޔާމްގެ ވާހަކަފުޅުގައި ވަނީ ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަކުރާނެކަމުގެ ޔަގީންކަން ސިޔާމް ދެއްވިއެވެ.

ސިޔާމްގެ އެމްޑީއޭއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަން ނިންމާފައެވެ. އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން