އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރު ކެމްޕެއިން ކުރައްވަމުން އަންނައިރު ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތައް ގެއްލޭ ފަދަ ކަންކަން ކެމްޕެއިންތެރެއިން ފެންނަމުންދާކަމަށާ އެފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިން ކުރާއިރު ކަނޑައެޅިފައިވާ ޤާނޫނޫނާއި ޤަވާޢިދުގެ އިމުގެ ތެރޭގައި އެކަން ކުރިއަށްގެންދަން ޖެހޭކަމަށެވެ.

އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ހައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަކީ ޤާނޫނު ހުއްދަކުރާ ކަންކަން ނޫންކަމަށާ، އެކަންކަމުން ހުރިހާ ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންނަށް ސަޕޯޓުކުރާ ފަރާތްތަކުންވެސް ދުރުހެލިވާން ޖެހޭކަމަށް ހަބީބު ވިދާޅުވިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން މިހާރުވެސް ބައެއް ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް އަންނަކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ އެންމެ ގިނައިން މިހާރު އަންނަނީ ރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތައްކަމަށެވެ. ރިޔާސީ އިންތިޚާބާ ގުޅުންހުރި ކަންކަމާމެދު ޝަކުވާ ހުށަހެޅުމަށް ޢާންމުންނަށް ހުޅުވާލައިވާ ނިޒާމުގެ ދަށުން އެކޮމިޝަނަށް މިހާތަނަށް 13 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. އޭގެތެރެއިން 11 ޝަކުވާއަށް ޖަވާބު ދީފައިވާނެކަމަށާ، އަނެއް 2 ޝަކުވާ މިހާރު ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރަޖިސްޓްރޭޝަނާ ގުޅޭގޮތުން މިހާރު ހުށަހަޅަމުން އަންނަ ގިނަ ޝަކުވާތައް ބަލައިގަންނަން ދަތިވާކަން ފާހަގަކުރައްވަމުން ހަބީބު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ރަޖިސްޓްރޭޝަންގެ ކަންކަން ދުރާލައި ނިންމައި ޝަކުވާ ހުށަހެޅުމަށްވެސް ފުރުސަތުދީ ނިމިފައިވާކަމަށެވެ. އެގޮތުން މިކަމަށް ގާނޫނު ލާޒިމްކުރާ މުއްދަތުގެކުރިން އެއް މަސްދުވަސް ޝަކުވާ ހުށަހަޅަން ދިންކަން ހަބީބު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން