ރިޔާސީ އިންތިހާބަށް އެމްޑީޕީ ކޯލިޝަން ހެދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި ބޭކާރު ކަންކަން ނުކޮށް އެމްޑީޕީ ކޯލިޝަނާ ގުޅުމަށް އިދިކޮޅު ވާދަވެރިންނަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ރޭ ދައުވަތު ދެއްވައިފިއެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވީ އެމްޑީޕީގެ ކޯލިޝަނާއި ގުޅުމުގެ ފުރުސަތު ވާދަވެރިންނަށް އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ކުރިއެކޭ އެއްގޮތަަށް ގިނަ ބަޔަކާއިއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ޚިދުމަތް ކުރަން ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ރުޅި އިސްނުކޮށް، ވިސްނުން އިސްކުރުމަށް ވާދަވެރިންނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު ދަންނަވާނީ ރުޅި އިސްނުކުރައްވައި ވިސްނުން އިސްކުރައްވާށޭ. އަދި ފުރުސަތު ނުގެއްލޭ. އަދި ފުރުސަތެއް ނުގެއްލޭ،" އެމްޑީޕީއާއި ގުޅުމަށް އިދިކޮޅަށް ދައުވަތު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު މިހާރު އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ގޮތެއް ހަދައިގެން ވެސް ވާދަވެރިންގެ ތެރެއިން ބަޔަކު އިންތިހާބުގެ ދެވަނަ ބުރަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ކޮންމެ މީހަކު ވެސް ބޭނުންވަނީ އަމިއްލަ ފައިދާއަށް ކަންތައްތައް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ ބޭކާރު މަސައްކަތް ނުކޮށް އެމްޑީޕީއާއި ގުޅުމަށް ވާދަވެރި ފަރާތްތަކަަށް ގޮވާލައްވާފައެެވެ.

"ދެވަނަ ބުރެއްގައި ކޯލިޝަނެއް ހަދައިގެން އޭގެން ހޯދޭނީ ކޮން މަންފާއެއްތޯ، ތިމަންނަ އަށް ލިބޭނީ ކޮންއެއްޗެއްތޯ ހިސާބު ޖަހައިގެން ތިއްބެވި ބޭފުޅުން އެބަތިއްބެވި. އަޅުގަނޑު ދަންނަވާނީ އެ ވިސްނުން ދޫކޮށްލައްވާށޭ ރައްޔިތުން ނެތޭ މިކަން ދެވަނަ ބުރަކަށް ގެންދާކަށެެއް، އެ ރުޅި އިސްކުރުން ތިރިކުރަށްވައި ވިސްނުން އިސްކުރައްވައިގެން ނިކުމެވަޑައިގެން އަޅުގަނޑުމެން އެންމެން އެކީގައި ކުރިއަށްދާންވީ ވަގުތު އަނެއްކާވެސް މި އޮތީ ޖެހިފައި، އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ދަންނަވާނީ ބޭކާރު ކަންކަން ނުކޮށް ވަޑައިގަންނަވާށޭ ބޭކާރު ކަންތައް ދެން ނުކުރަށްވާށޭ ވަޑައިގަންނަވާށޭ، އަޅުގަނޑުމެން މިތިބީ ކުރިއެކޭ ވެސް އެއްގޮތަށް ގިނަ ބަޔަކު ހިމެނޭ ކޯލިޝަނެއް ހަދައިގެން ރައްޔިތުންނަށް ޚިދުމަތް ކުރަން ތައްޔާރަށް،" ރާއްޖޭގައި އެންމެ ކާމިޔާބު ކަމާއެކު ކޯލިޝަން ސަރުކާރެއް ދެމެހެއްޓެވި ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން