ރާއްޖޭގައި ބޭރު ސިފައިން ތިބޭ ކަމަށް ދައްކާ ވާހަކަތަކަކީ "ބުހުތާނު ދޮގެއް" ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރ. އިނގުރައިދޫގައި މިއަދު ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް ބޭރު ސިފައިން ގާއިމްވެ ތިބޭ ކަމަށް ބައެއް ކެންޑިޑޭޓުން ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ބޭރު ސިފައިން ތިބޭ ކަމަށް ދައްކާ ވާހަކަތަކަކީ "ބުހުތާނު ދޮގެއް" ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ އެކަހަލަ ވާހަކަ ދެއްކެވުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބޭ ބަޔަކު އެކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާވަރު ކަމެއްނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ދާހިލީ ކަންކަމަށް ބޭރުގެ އެއްވެސް ބަޔަކަށް ބަސް ނުކިޔޭނެ ކަމަށެވެ. ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި، ރާއްޖެއިން ނިންމާ ނިންމުމަކަށް ބަސް ކިޔޭނެ އެހެން ގައުމެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށްވާއިރު ރާއްޖެއިން ނިންމާ ނިންމުމަކަށް ބަސް ކިޔޭނެ އެހެން ގައުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމާއި ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ބޭނުންނަމަ ގައުމުތަކާ އެކީގައި އިތުބާރު ހިފޭ ގުޅުމެއް ބާއްވަންޖެހޭކަމަށެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ވިސްނުންހުރީ މުޅިން ތަފާތުކޮށް ކަމަށާއި އޭރު ގެންގުޅުނީ ގައުމިއްޔަތުގެ ނަމުގައި ރާއްޖެ މުޅިން އެކަހެރިވެ ވަކިވެ ގަނެގެން ކުރިއަށް ގެންދިއުމުގެ ސިޔާސަތެއް ގެންގުޅެމުންދިޔަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެއިން ބަލައިގެންފައިވާ ކަަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ގައުމުތަކާއި އެކު ރަނގަޅު ހަރުދަނާ ގުޅުމެއް ބާއްވަން އިސްކަންދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން