ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ގެކޮޅު އިމާރާތް ކުރެއްވީީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ނ. މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރަށްވައި ގާސިމް އިބްރާހިމް ވިދާޅުވީ ޑރ.މުޙައްމަދު މުއިއްޒު މަގާމުގައި ހުންނެވި ދުވަސްވަރު ނުފޫޒު ބޭނުން ކުރައްވައިގެން މުއިއްޒުގެ ގެކޮޅު "15 ބުރިއަށް" އުފުލާފައިވާ ކަމަށެވެ. އަދި މުއިއްޒު ސަރުކާރަށް ވަޑައިގެންނެވިއިރު އޭނާ އަތްޕުޅުގައި އޮތީ ކޮންއެއްޗެއްތޯ ކިހާ ފައިސާ އެއްތޯ ޤާސިމް ވަނީ ސުވާލު ކުރަށްވާފައެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެންނަނީ 15 ބުރިއަށް ގެ އަޅުއްވައިގެން އުޅުއްވާ މަންޒަރު، ހިންގެވި ޕްރޮޖެކްޓެއްގެ ސައިޑުން ނަގާލި ކޮޅުދާއްޔަށް ނެގި އެތިކޮޅަކުންނޭ އެކަންކަން ނިމިފައި ވަނީ،" މުއިއްޒުގެ ގެކޮޅު އިމާރާތްކުރެއްވި ގޮތަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ޔާމިންގެ ސަރުކާރުގައި ޑރ. މުއިއްޒު ވަޒީރުކަމުގައި ހުންނަވައިގެން ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގެވީ އެތައް މިލިއަން ރުފިޔާ އަގުބޮޑުކޮށް ކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ވެސް ޔާމީނުގެ ސަރުކާރުން ހަވާލުކުރީ 100 މިލިއަން އަގުބޮޑުކޮށް ކަމަށް ގާސިމް ވިދާޅުވިއެވެ. އެކަން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވެސް ނާންގައި ކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލު 50 މިލިއަން ޑޮލަރަށް އެޅުމަށް ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަން މާލިއްޔަތު ކޮމެޓީއަށް ހުށައެޅި ލިޔުންތަކުން އެނގޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މަޖިލީހަށް ނާންގާ 150 މިލިއަން ޑޮލަރަށް ހަވާލުކުރާ ކުންފުންޏަކާ ހަވާލުކުރީ، 50 މިލިއަން ޑޮލަރަށް އޮތް ޕްރޮޕޯސަލެއް ހުށަހަޅާފައި އޮއްވައި އެއަށް ނުދީ 150 މިލިއަން ޑޮލަރަށް އޮތް ޕާޓީއަށް ދިނީ، ބަލަ ލޯނު ނަގައިގެންނޭ އެކަން ކުރީ. ހެޔޮވާނީ ކިހިނެއްތޯ. 100 މިލިއަން ޑޮލަރު ކޮންތާކަށް ތޯ ވަނީ،" ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން