ރ. ރަސްމާދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމާދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ރަސްމާދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.

ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން ނެރާއި ފަޅު ފުންކުރުމާއި 36 މީޓަރުގެ ގްރޯއިން ޖެހުމާއި 181 މީޓަރުގެ ރިވެޓްމަންޓް ޖެހުން އަދި 272 މީޓަރުގެ އެއްގަމުތޮށި ލުމާއި 84 މީޓަރުގެ ކޮންކްރީޓް ޖެޓީ ހެދުމާއި އަދި ބަނދަރާއި ގުޅޭ އެހެންމަސައްކަތްތައް ކޮށްފައިވެއެވެ.

ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 195 މީޓަރުގެ ޓީ-ގްރޮއިން އަދި 186 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލާފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރަސްމާދޫ އިންޖީނުގެއާއި ފެނަކަ އޮފީސް ވެސް ހުޅުއްވައިދެއްވާފައެވެ. ރަސްމާދޫ އައު އިންޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ ކުރިޔަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ އިންޖީނުގެއެކެވެ.އަދި ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 653 ކިލޯވޮޓް ނަމަވެސް މިހާރުގެ އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 795 ކިލޯވޮޓެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން