ސްޓަރލިންކް އިންޓަރނެޓްގެ ހިދުމަތް ލިބޭ މި ސަރަހައްދުގެ ފުރަތަމަ ޤައުމަކަށް ރާއްޖެވެއްޖެއެެވެ.

ސްޓަރލިންކް އިންޓަރނެޓްގެ ހިދުމަތަކީ މަޝްހޫރު ބިލިއަނަރު އިލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތެކެވެ.

ސްޓާލިންކް އިންޓަރނެޓްގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސް ހަވާލުކުރުމުގެ ރަސްމިއްޔާތު ވަނީ މިއަދު ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގައި ބާއްވާފައެވެ.



މި ރަސްމިއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރ އައިމިނަތު ޝައުނާއާއި، ސްޓަރލިންކުގެ އިސްވެރިންނާއި އެމެރިކާ އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ސްޓާލިންކް އިންޓަރނެޓްގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސް އެ ކުންފުންޏާއި ހަވާލުކުރުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޝައުނާ ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގެ ޤައުމުތަކުން ސްޓާލިންކް އިންޓަރނެޓްގެ ހިދުމަތް ލިބޭ ފުރަތަމަ ޤައުމުކަމަށްވާތީ، އެއީ ރާއްޖެއަށް ލިބޭ ބޮޑު ފަހުރެއްކަމަށެވެ. އަދި މިއާއެކު ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ ހިދުމަތް އިތުރަށް ހަރުދަނާވެ، އެކި ސިނާއަތްތަކަށް އެކަމުގެ ފައިދާ ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ފައިވްޖީގެ ހިދުމަތްވެސް ފުރަތަމަ ތައާރަފްކުރި ޤައުމުކަމަށެވެ. އަދި މިއީ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވުމަށް ދެއްވާ އަހަމިއްޔަތުކަން ހާމަވާކަމެއްކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ސްޓާލިންކު އިންޓަނެޓަކީ ކުޑަ ޑިޝް އެންޓަނާއެއް ބޭނުންކޮށްގެން، އެ މީހަކު ހުރި ތަނަކަށް އިންޓަނެޓް ލިބޭ ހިދުމަތެކެވެ. މި ހިދުމަތަށް މަހު ފީއެއް ދައްކަންޖެހެއެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ ސްޓަރލިންކަށް ދީފައިވާއިރު، މިހާރުވެސް ރާއްޖޭގައި އިތުރު 3 ކުންފުންޏަކުން އަންނަނީ އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މިއީ ސެޓެލައިޓް މެދުވެރިކޮށް ފޯރުކޮށްދޭ އިންޓަރނެޓްގެ ޚިދުމަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން