ވެރިކަން ހޯއްދެވުމުގެ ބޭނުމުގައި ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. ފޮއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުގައި ތިބި ބޭފުޅުން ގެންދަވަނީ ކޮންމެ ގޮތެއް ހައްދަވައިގެންވެސް ވެރިކަމުގައި ތިއްބެވުމަށް މަސައްކަތް ކުރަމުންކަމަށެވެ. އެގޮތުން ސަރުކާރު ވަޒީފާގައި އުޅޭ ފަރާތްތަކަށްވެސް ބިރު ދައްކަމުންދާކަމަށާއި ކެމްޕެއިންގައިވެސް ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކުރަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރުން އަމަލުކުރަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީންވެސް ކަންކުރެއްވި ގޮތަށްކަމަށެވެ. އަދި މިވެރިިކަމުގައި އެކަންކަން މާބޮޑަށް ފެންނަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެކަންކުރި. މިހާރު މިބޭފުޅުން ވެސް އެކަން ކުރައްވަނީ. މިހާރު އަދި މާ ގޯސް. ފެނަކައާއި ސްޓެލްކޯއިން އެތައް ހާސް މުވައްޒަފުންނެއް ބޭނުންކޮށްގެން. އަނެއްކޮޅުން ރައީސް ވިދާޅުވި ސިޔާސީ ފިކުރު ހުންނަގޮތެއްގެ ސަބަބުން ތިމަންނަގެ ސަރުކާރެއްގައި ވަޒީފާގެ ފުރުސަތު އެމީހަކަށް ނުގެއްލޭނޭ. އެކަމަކު މިހާރު މި ފެންނަނީ އެހެނެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީވެސް ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭންކަމަށެވެ. އަދި މި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން