ޖުމްހޫރީ ޕާޓީން ވެރިކަމަށް ނިކުންނަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށް، ރައްޔިތުންގެ ހާސްކަން ފިލުވާލަންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާއިރު ރައްޔިތުން ވިސްނަވަންޖެހޭ ވަރަށް މުހިއްމު ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ވޯޓްދެއްވާއިރު ޤައުމުގެ އިސްތިގްލާލާއި މިނިވަންކަން ދެމެހެއްޓޭނެ ވެރިޔަކީ ކޮބައިތޯ ރައްޔިތުން ބަލަންޖެހޭކަމަށެވެ.

އަމީން ވިދާޅުވީ ޤައުމުގެ އިސްތިގްލާލާއި މިނިވަންކަން ދެމެހެއްޓޭނެ ވެރިޔަކު ހޯދާ ވާހަކަ ދެއްކުމުން އެއީ މި ޒަމާނާއި ނުގުޅޭ ވާހަކައެއްކަމަށް ބައެއް ބޭފުޅުންނަށް ހީވެދާނެކަމަށެވެ.

"އަޅުގަނޑުމެންގެ ސިފައިންނަށް ނުވަދެވޭ ސަރަހައްދުތައް އެބަހުރި،" އަމީން ވިދާޅުވިއެވެ.



އަމީން ވިދާޅުވީ ރާއްޖޭގައި ބައެއް ތަންތަނަށް ސިފައިންނަށް ވަދެވެނީ "ބައެއްގެ" ހުއްދަ ލިބުމުންކަމަށެވެ. އަދި މިއީ ރާއްޖޭގެ މިއަދުގެ ހާލަތުކަމަށާއި، އެކަމާއި ފުންކޮށް ރައްޔިތުން ވިސްނަންޖެހޭކަމަށެވެ.

އަމީން ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ޤައުމު ފޯރުކޮށްދޭންޖެހޭ ކަމަށާއި، އެގޮތަށް ރައްޔިތުން މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ބޭރު ބައެއްގެ އަތުން ފައިސާ ނަގައިގެން ކެމްޕެއިންކުރާ ބަޔަކަށް ރާއްޖޭގެ މިނިވަންކަން ނެގެހެއްޓޭނެކަމަށް ނުބެލެވޭކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޤައުމުގެ އިސްތިގްލާލާއި މިނިވަންކަން ދެމެހެއްޓޭނީ އަމިއްލަ ނަފްސުގެ ބާރުގައި ކަންކަން ކުރާ މީހަކަށްކަމަށެވެ. އަދި އެ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ގާސިމަކީ ބަޔަކު ދައްކާ ދަޅައަށް ހެއްލޭނެ ބޭފުޅެއް ނޫންކަމަށާއި، އަދި ބައެއްގެ ދަށުވާނެވެސް ބޭފުޅެއް ނޫންކަމަށެވެ. އަދި މިނިވަންކަމަށް ބުރޫ އަރާގޮތަށް ބޭރު މީޙުން ކުރާ ހޭދައެއްގައިވެސް ގާސިމް އަތްނުލާނެކަމުގެ ޔަގީންކަން އަމީން ދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން