އަމާޒަކީ ރާއްޖޭގެ އިގްތިސާދު 170 ބިލިއަން ރުފިޔާ އާއި ހަމަޔަށް ގެންދިޔުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ރޭ ޝޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ އިގްތިސާދަށް 170 ބިލިއަން ރުފިޔާ ވެއްދުން ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށް ލިބޭ އާމްދަނީ 45 ބިލިއަން ފަހަނައަޅައި 50 ބިލިއަން ރުފިޔާއަށް އަމާޒު ހިފުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ލޯނު ނަގައިގެން މަސައްކަތް ކުރަނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށެވެ. އަދި ސަރުކާރުން ނަގާ ލޯނުތައް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑުމެން ލޯނު ނަގައިގެން މި މިމަަސައްކަތްތައް މިކުރަނީ، ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަމާއި ކަށަވަރުކަން އޮތީމަ އެހެންވެ އަޅުގަނޑުމެން ރާއްޖޭގެ ސަރަހައްދުތައް ތަރައްގީ ކުރުމަށް މިވައުދުވަނީ. ފައިސާ ހުންނާނެކަން އިރާދަކުރެެއްވިޔާ ޔަގީންވާތީ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން މި ވައުދުތައް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އަމާޒަކީ ރާއްޖޭގެ އިގްތިސާދު ދެގުނަކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ސަރުކާރުގެ ވިސްނުންހުރީ ޕްރައިވެޓް ސެކްޓާ އާއި އެކުގައި ކަމަށެވެ. އެގޮތުން ވިޔަފާރިކުރަން ބޭނުންވާ މާލީ އެހީތެރިކަން، ލޯނުގެ އެހީތެރިކަން ބޭންކު މެދުވެރިކޮށް ފައިސާ ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މިއީ އިގްތިސާދެއް ދެގުނަ ކުރެވޭނެ ގޮތަކީ، މިއީ ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު ކަށަވަރުވެގެން މިދަނީ ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ދެގުނަވެގެން ދާތަން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން