ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއްގެ ގައުމެއްކަމަށާއި އިގްތިސާދު ފުޅާކުރަން ސަރުކާރުން ރާވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށްގެންކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިގްތިސާދީ ސިޔާސަތު ހާމަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝައުނާ ވިދާޅުވީ‌‎ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލަ އަކީ ކުނީގެ މައްސަލަތައް ކަމަށެވެ. އަދި ދެވަނަ ދައުރެއްގައި ކޮންމެ ރަށެއްގައި ޒަމާނީ ވަސީލަތްތަކާއެކު ކުނި ބޭރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

"މި ސަރަހައްދުތައް އެއް ނިޒާމެއްގެ ދަށުން ރަނގަޅު މެނޭޖްމަންޓް ޕްލޭނަކަށް ފައްތަން ޖެހޭ. މިކަން ކުރުމަށް ނެޝަނަލް ޕާކް ސިސްޓަމެއް ތައާރަފު ކުރެވޭނެ." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ސަރުކާރުގެ އެންމެ ކާމިޔާބު އެއް ސިޔާސަތަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން ކަމަށެވެ.

"13 ބާވަތެއްގެ ތެރެއިން 12 ބާވަތެއް ރާއްޖެ އެތެރެކުރުމާއި އުފެއްދުން މިވަނީ މަނާކޮށްފައި." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމީ ނުރައްކާތަކަށް އަރލީ ވަރނިންގް ސިސްޓަމް މުޅި ރާއްޖެއަށް ތައާރަފުކޮށް އެކަންކަން ގާއިމުކުރާނެކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 54,000 ހެކްޓަރުގެ ސަރަހައްދުތައް ހިމާޔަތްކުރެވިއްޖެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެެވެ.

އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދި ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިއާދަކުރުވަނިވި ހަކަތައިގެ ކެޕޭސިޓީ 53 މެގަވޮލްޓަށް އިތުރުކުރެވިފައިވާކަމަށެވެ.

‌‎"އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު އެންމެ 16 މެގަވޮލްޓުގެ ރިނިއުބަލް އެނާޖީ އުފައްދަނީ." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއް ފަޅެއްގައި ގުޅާލެވެން ހުރި ރަށްތައް މި ސަރުކާރުން އެއް ކަރަންޓު ވިއުގައަކުން ގުޅާލާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން