ޑރ. ވަހީދު ގާސިމް އަރިހުގައި ކެމްޕޭން ޖަލްސާއެއްގައި
ޑރ. ވަހީދު ގާސިމް އަރިހުގައި ކެމްޕޭން ޖަލްސާއެއްގައި
ގައުމަށް ބޭނުން ޖެހިފައިވަނީ ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކޮށް، އެހެން ދާއިރާތައް ހިންގޭނެ ތަޖުރިބާކާރު ބޭފުޅެއް ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިނަށް އެމަނިކުފާނު އަރިހުގައި ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ވަހީދު ވިދާޅުވީ ގަައުމަށް ލިބޭ އާމްދަނީ އިތުރުކުރެވޭނީ ފަތުރުވެރިކަމާއި މަސްވެރިކަން ނޫން އެހެނިހެން މަސައްކަތްތައްވެސް ކޮށްގެން ކަމަށެވެ. އެގޮތުން ގާސިމަކީ އެކި ދާއިރާތަކުން ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއްކަން ޑރ. ވަހީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރެވޭނީ އިތުރު މަސައްކަތް ކޮށްގެން. ހަމައެކަނި ޓޫރިޒަމާއި މަސްވެރިކަމަށް ބިނާވެގެން އަޅުގަނޑުމެންނަކަށް އާމްދަނީ އިތުރުނުކުރެވޭނެ. އުފެއްދުންތެރިކަން އިތުރުކޮށް، އިތުރު ސިނާއަތްތައް ގެންނަން އެބަ ޖެހޭ. އެކަން ކުރެވޭނީ އެބާވަތުގެ ކަންތައް ކޮށްފައި ހުރި މީހަކަށް ނޫންތޯ. ގާސިމް އިބްރާހީމަކީ މިހުރިހާ ރޮނގަކުން ތަޖުރިބާ ހުރި މީހެއް. އެއާލައިނަކަށްވިޔަސް، ޝިޕިންގ ލައިނަކަށްވިޔަސް، ތައުލީމީ ދާއިރާއަށްވިޔަސް، މި ހުރިހާ ކަމެއް ކުރައްވާ ބޭފުޅެއް." ޑރ. ވަހީދު ވިދާޅުވިއެެވެ.



މި މޭރުމުން ވާހަކަފުޅުދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ބައެއް މީހުން ގާސިމްގެ ތައުލީމީ ފެންވަރަށް ރިއާޔަތްކޮށް ގާސިމްގެ ގާބިލިއްޔަތުކަމާއި ދޭތެރޭ ސުވާލު އުފައްދާ ކަަމަށެވެ. އެހެން ނަމަވެސް ޑިގްރީއެއް ނެތަސް، ޔުނިވާސިޓީއަކުން ކިޔަވާވިދާޅުވެގެން ހުންމެވި ބޭފުޅަކަށް ނުހިންގޭ ވަރަށް ގާސިމަކީ ހިންގުންތެރި ތަޖުރިބާކާރު ބޭފުޅެއްކަމުގައި ޑރ. ވަހީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށްވެސް، މީގެ ކުރީގައި ވެރިކަން ކޮށްފައިވާ ބައެއް ބޭފުޅުން އެކި ގޮތްގޮތަށް ދައުލަތުގެ ރައުސުލްމާލުގެ ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާކަން ފާހަގަކުރައްވަމުން ޑރ. ވަހީދު ވިދާޅުވީ މިވަގުތު ރާއްޖެއަށް ބޭނުންވަނީ ޕާޓީތަކުގެ ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަން ހުރި ތަޖުރިބާކާރު ލީޑަރެއް ކަމަށެވެ.

"ބޮޑު ޕާޓީއަކަށްވެގެން، ކުޑަ ޕާޓީއަކަށް ވެގެނެއް ނޫން ވޯޓުލާން ޖެހޭނީ، ދިވެހި ހުރިހާ ރައްޔިތުންގެ ރައުސްމާލު އަމާނާތްތެރި ކަމާއިއެކު ހިމާޔަތްކުރެވޭނެ ވަރުގެ ބޭފުޅެއް ބޭނުންވަނީ. އަޅުގަނޑުމެންގެ ބޮޑު ދަރަނި ފިލުވަދޭ ވަރުގެ މީހަކަށް ވާން ޖެހޭ. އެކަމުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހޭ. ފިނޭންސް މިނިސްޓަރ ކަމާއި، އެމްއެމްއޭގެ ގަވަރނަރ ކަމާއި، މި ހުރިހާ ކަމެއް ކޮށްފައިވާ ބޭފުޅަކަށް މިކަން ކުރެވޭނީ." ޕީޕީއެމުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާއި ދާދިފަހުން ގުޅިވަޑައިގެންނެވި ޑރ. ވަހީދު ވިދާޅުވިއެވެ.

އެގޮތުން، އަމިއްލަ ޖީބުން ޚަރަދުކޮށްގެން 40 މީހުންނަށް ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވައި، އެތައް ބަޔަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދެއްވައި، ބޭސް ފަރުވާގައިވެސް އެހީތެރިވެ ވަޑައިގަތުމަކީ ގާސިމްގެ އިޚްލާސްތެރިކަމުގެ މިސާލުތައް ކަމުގައި ޑރ. ވަހީދު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން