ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމްގެ ރަނިންމޭޓް އަމީން އިބްރާހިމް ވިދާޅުވީ ޑޮލަރު ލިބުން ވަރަށް ބޮޑަށް ދަތިވެ ރާއްޖޭގެ ޑޮލަރުގެ އަގު އުފުލެމުންދާ ކަމަށާއި، އޭގެ ނޭދެވޭ އަސަރު ވިޔަފާރި ވެރިންނާއި އާންމު ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ. ޑޮލަރުގެ މައްސަލަ ހައްލުނުވެ ދިޔުމުގެ ސަބަބުން ރާއްޖޭގެ ތަކެތީގެ އަގު އުފެލެމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.



"މިއަދު ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ލާރި، އެކަމަކު ތިބޭފުޅުންނަށް ބާޒާރުން ކިހާވަރަކަށްތޯ ގަންނަން ލިބެނީ ކޮންމެ ދުވަހަކު އަގު އަރައިގެން އެދަނީ މިއަދު 18 ރުފިޔާ ލާރިކޮޅަކަށް މާދަމާ 19 ރުފިޔާ އަނެއް ދުވަހު 20 ރުފިޔާއަށް، ކިހިނެއްތޯ މިވަނީ މިހާވަރުން ގޮސްގެން ކިހިނެއްތޯ އަޅުގަނޑުމެން ދެކޮޅު ޖެހޭނީ، ހާޖަތެއް ޖެހިފައިވާ މީހެއް ކިހިނެއްތޯ އެ ހާޖަތް ފުއްދަން ޑޮލަރު ގަންނާނީ، އެއީ ވާނެ ކަމެއްތޯ،" އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ފަރާތްތަކަށް ޑޮލަރު ހޯދުމަށް ވަރަށް ބޮޑެތި ތަކުލީފް ތަކެއް އުފުލަންޖެހޭ ކަމަށެވެ. އެގޮތުން އެފަރާތްތަކުން މިހާރު ޑޮލަރު ހޯދަންޖެހެނީ ރޮއި އާދޭސްކޮށް ސަލާންޖަހައިގެން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެގެން ކަމަށް އަމީންް ވިދާޅުވިއެވެ. ޑޮލަރުގެ މައްސަލަ ހައްލުކުރަން މި ސަރުކާރަށް ނޭގުނު ކަމަށާއި ޤާސިމްގެ ވެރިކަމެއްގައި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރަށްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"ޑޮލަރަށް ޖެހިފައިވާ ޖެހުމާއި ޑޮލަރުގެ އަގު އުފުލުމުގެ މައްސަލަ އަޅުގަނޑުމެންގެ ވެރިކަމެއްގައި ހައްލު ކޮށްދޭނަން، ޑޮލަރުގެ ބޮންޑު އިޝޫ ކުރާނަން އޭގެ ތެރެއިން ލާފައި މިއަށް އަޅުގަނޑުމެން ކޮންމެވެސް ކަހަލަ ސޮލިއުޝަނެއް ހޯދާނަން، ހަމަ އެއާއެކު އެއާ ގުޅުން ހުރި އެހެންކަންކަމަށް އަޅުގަނޑުމެން ފަރުވާ ހޯދާނަން، އެކަންކަން ކުރުމުގެ ޤާބިލްކަން އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި،" ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން