މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ތާއިދު ކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ނިންމަވައިފިއެެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ރަނިންމޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޑރ. ޝަހީމު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑރ. މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާކަމަށާއި، އެ ނިންމެވުމުގެ ތަފުސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޝަހީމު ޑރ. މުއިއްޒަށް ތާއިދު ކުރަށްވާފައިމިވަނީ އިދިކޮޅު ޕީޕިއެމްގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއި ހެދި ޕާޓީގެ ހަރަކާތްތަކާއި ދުރުގައި އުޅުއްވުމަށްފަހުއެވެ.

ޝަހީމާއި ޕީޕިއެމާއި ދެމެދު ހިތްހަމަނުޖެހުން އުފެދުނީ އޭނާ ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވަނީތޯ ވިދާޅުވެ އެޕާޓީގެ ވަޓްސްއެޕް ގްރޫޕުގައި މެމްބަަރުން ކުރެއްވި ސުވާލާއި ގުޅިގެންނެެވެ. އެ ސުވާލާއި ގުޅިގެން ޝަހީމް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަށްވާފައެވެ.

ރައީސް ޔާމިނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައެޅުމުން ޝަހީމް ވަނީ ސިޔާސީ މުސްތަގުބަލާ މެދު އޭނާގެ ނިންމުން އިއުލާނުކުރައްވާނެ ކަމަށް، ވިދާޅުވެފައެވެ.

ޝަހީމްގެ އިތުރުން ދީނީ އިލްމްވެރިޔާ ޑރ. އަނާރާ ނައީމްވެސް މިއަދު ވަނީ މުއިއްޒަށް ތާއިދު ކުރަން ނިންމަވާފައެވެެ. މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ކަން ވެސް ކުރެއްވި އަނާރާ ނައީމް ވިދާޅުވީ ދިވެހިންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތަކާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން