ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ޖަލުގައި ހުންނެވީ ކުށެއްނެތިއެކޭ ނުޱެންނެވޭނެ ކަމަށާއި ޔާމީނަކީ އިނޮސަންޓް ބޭބީއެއް (މައުސޫމް ތުއްތު ކުއްޖެއް) ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. ލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައިއެވެ.

"ކަމެއް ނުކޮށެއް ނޫނޭ ޔާމީން އަބްދުލް ޤައްޔޫމް ޖަލުގައި އެ އޮތީކީ. އެއީ 'އިނޮސަންޓް ބޭބީ' (މައުސޫމް ތުއްތު ކުއްޖެއް) ނޫނޭ. ކަމް އޯން. މިއީ ތެދޭ މި ބުނަނީ. ކެރިގެން ސާބިތުކަމާއި އެކީ މި ބުނަނީ މިއީ ދޮގެއް ނޫންކަން." މި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވެފައިވެއެވެ.



ގާސިމް ވިދާޅުވީ ކުށެއް ނުކުރާނަމަ، އެ މަނިކުފާނަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ފޮނުއްވި ފައިސާއަކީ ހަލާލު ފައިސާއެއް ނޫން ކަމަށް ޓީވީ ކުރިމަތީގައި އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ކަމުން، މަސްއޫލިއްޔަތު އަދާނުކުުރައްވާ ބޭފުޅުންގެ މައްޗަށް ދައުވާކޮށް، އަޒުލު ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކަކީ ހަރާން ދައުވާއެކޭ މިހާރު ގޮވާ ހަދާ އުޅުނަސް، އަދި އެމަނިކުފާނު ކަމެއް ނުކުރާ ކަމަށް ވިދާޅުވިޔަސް، ކަމަކާއި ނުލާ މެނުވީ ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ރައީސް ޔާމީންގެ ސަރުކާރުން 5 އަހަރު ވަންދެން މެދުކެނޑުމެއްނެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމުގެ ވާހަކަތައް އަޑުއިވިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. ހަމަ އެހެންމެ ޔާމީންގެ އެކައުންޓުތަކަށް ޗެކުތަކުން މިލިއަނުން ފައިސާ ޖަމާވެފައިވާކަން ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ހާމަވަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، ރާއްޖޭގައި ހުރި ރައީސް ޔާމީންގެ ބޭންކު އެކައުންޓުތަކުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމުގެ ވާހަކަ ދެކެވޭއިރު، ބޭރުގެ އެކައުންޓް ތަކުގައިވެސް އެފަދައިން ފައިސާ ހުރިކަމުގެ ވާހަކަ އަޑުއެއްސެވި ކަމަށް ގާސިމް ވިދާޅުވިއެވެ.

"ވެރިކަމަށް އައި އިރުގައި (އެކައުންޓްގައި) ނެތް އެއްޗެއް، ކިހިނެއްތޯ މަތިންތޯ އައީ. ޕާޓީ ލާރި ނަމަ އެ ހުންނާނީ ޕާޓީ އެކައުންޓްގައި ނޫންތޯ؟ ޕާޓީއަށް ލާރި ލިބުނު ގޮތްވެސް ހޯދަން އެބަ ޖެހޭ." ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން