ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޑްރަގުގެ ވަބާގައި ޖެހި މަގުމަތިވެފައިވާ ޒުވާނުންނަަށް ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެ ކަމަަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމްގެ ރަނިންމޭޓް އަމީން އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ އަދަދެއްގެ ޒުވާނުން އެބަތިބި ކަމަށެވެ. އެވަބާގައި ޖެހި ޒުވާނުން މިއަދު ތިބީ ފަރުވާ ލިބޭނެ ގޮތެއް ނެތި މަގުމަތިވެފައި ކަމަށް އަމީން ވިދާޅުވިއެވެ.

އެހެންކަމުން ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި އެ ޒުވާނުންނަށް ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެ ނިޒާމެއް ގާއިމް ކުރަށްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ޑްރަގުގެ ފަރުވާ ލިބޭނެ އެކަށީގެންވާ ނިޒާމެއް ގާއިމް ކުރެވިފައެއް ނެތް. އެފަދަ ސެންޓަރެއް ވެސް ނެތް. މީގެ ކުރިން ހުރި. މިއަދު އެތަންތަނަކުން އެކަށީގެންވާ ފަރުވާ ލިބެމުން ނުދޭ. އަޅުގަނޑުމެންގެ ވެރިކަމެއްގައި މަގުމަތިވެފައި މިތިބި ހުރިހާ ޒުވާނުންނަށް ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެ ނިޒާމެއް ގާއިމްކޮށް އެ ނިޒާމްގެ ތެރެއިން އެކުދިންގެ ހުކުމުން ސަލާމަތްކުރެވޭވަރު އަޅުގަނޑުމެން ކޮށްދޭނަން." ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން