މި ސަރުކާރުން އައްޑޫ ރައްޔިތުންނަށްޓަކާ ކޮށްދީފައިވާ ކަންކަމަށް ޝުކުރުވެރިވުމަށާއި ޝުކުރުވެރި ނުވެ ފަހަތަށް ޖެހުމަކީ މާތް ﷲގެ ގަދަފަދަ އަޒާބު އަތުވެދާނެ ކަމެއްކަމަށް ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙުގެ ތިން ފިޔަ ޖަގަހަ ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައިޚް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ޝުއޫރުތަކާއި ކޮންމެ ފަހަރަކުވެސް ކެންޑިޑޭޓުން ކުޅެލާފައި އިހުމާލު ވަނީ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކޮށްދެއްވާފައިވާ ކަންތައްތައް ފެންނާން އެބަހުރިކަން ފާހަގަ ކުރަށްވަމުން ޝައިޚް ވަނީ މި ފަހަރު މިލިބުނު ފުރުޞަތުގައި އެންމެން އެކަތިގަނޑަކަށް ވެގެންތިބެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.



ޝެއިހް އިލްޔާސް ވަނީ މާޒީގައި އައްޑޫއަށް ގެނެވުނު ތަރައްގީ ވަރަށް ކުޑަ ކަމަށާއި އައްޑޫ ރައްޔިތުން މިފަހަރު އެ ނޫން ގޮތެއް އިޙްތިޔާރުކުރަން ރައީސް ޞާލިހަށް ވޯޓުދެއްވުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން އައްޑޫ ސިޓީ ރައްޔިތުން އެބަ ޖެހޭ ވިސްނާ ފިކުރުކޮށްލަން. އައްޑު އަތޮޅުގެ ރައްޔިތުންނާއި އަބަދުވެސް ވަނީ ކުޅެފައި. ކުޅުނީ ކޮންމެ ބަޔަކުވެސް. މިފަހަރު އަޅުގަނޑުމެންނަށް މިވަނީ ފުރުޞަތެއް ލިބިފައި." ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޝެއިހް ވިދާޅުވީ އައްޑޫ ސިޓީއަށް އެކަށޭނަ ތަރައްގީއެއް މީގެ ކުރިން ގެނެވިފައިނުވާ ކަމަށެވެ.

"ކުރިން އަޅުގަނޑު މުޅި ރާއްޖޭގައި އެނބުރެމުން ދާއިރު، އަޅުގަނޑު ހިތަށް އަރަނީ އައްޑު އަތޮޅު އޮތީ ހަމަ އޮތް ތަނުގައޭ. އެއްވެސް ކަމެއް ނެތޭ. ކޮތަރު ކޮއްޓެއްގައޭ މި ހުރެވުނީ. އެހެން ރަށްރަށުގެ ކައުންސިލް އިދާރާތައް ފެނުނީމަވެސް، ލޮލުން ތަރިތައް ބުރައިގެންދޭ." ޝެއިހް އިލްުޔާސް ފާހަގަކުރެއްވިއެވެ.



ކީރިތި ޤުރްއާންގެ އާޔަތެއްގެ މާނަ ވިދާޅުވަމުން ޝެއިހް އިލްޔާސް ވިދާޅުވީ "ޝުކުރުވެރިވެއްޖެ ނަމަ އިތުރު ކޮށްދެއްވާނެ" ކަމަށެވެ. އެއާއިއެކު، ޝެއިހް އިލްޔާސް ވިދާޅުވީ މިއަދުގެ ސަރުކާރުން އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއިއެކު ކަންތައްތައް ކޮށްދެއްވާ ކަމަށެވެ. އަދި ޚުދު ޝެއިހް އިލްޔާސް ކަމަކަށް އެދިވަޑައިގެންނެވުމުން، ދީނާއި ޚިލާފު ކަމެއް ހިނގަންޏާ އެކަމެއް ފާހަގަކުރެއްވުމުން ރައީސް ޞާލިޙު އެހީތެރިވެދެއްވާ ކަންވެސް ފާހަގަކުރެއްވިއެވެ.

ކޮންމެ މީހެއްގެވެސް އުނި ކަންތައްތައް ހުއްޓަސް، އެމީހެއްގެ ކިބައިގައި ހުރި ހިތްހަމަޖެހޭ ސިފަތައް ހަނދުމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ޝެއިހް އިލްޔާސް އިލްތިމާސްކުރެއްވިއެވެ. އަދި ރައީސް ޞާލިހު ކޮށްދެއްވާފައިވާ ކަންތައްތަކަށް ޝުކުރުވެރިވުމުން އިތުރުކޮށްދެއްވާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

ކީރިތި ގުރުއާންގެ އާޔަތްތަކުން ހެކި ދައްކަވަމުން ޝައިޚު ވިދާޅުވީ ޝުކުރުވެރި ނުވެ ފަހަތަށް ޖެހުމަކީ މާތް ﷲގެ ގަދަފަދަ އަޒާބާއި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޝައިޚު ވިދާޅުވީ ރައީސް ޞާލިހަކީ އެމަނިކުފާނުގެ ނަމައި އެއްގޮތަށް ހަމަ ޞާލިޙު ބޭފުޅެއް ކަމަށެވެ.

"ރައީސާއި ދެކޮޅަށް ދެކެވޭ ވާހަކަތަކަށް ރައްދު ނުދެއްވަނީ ކީއްވެގެންތޯ ރައީސްގެ އަރިހުން ސުވާލު ކުރުމުން ވިދާޅުވީ، ޝެއިހް ނޫންހޭ ކެތް ކުރުމަށް ވިދާޅުވަނީ." ޝެއިހް އިލްޔަސް ވިދާޅުވިއެވެ.

އެހެންކަމުން، މިފަދަ ކެތްތެރި ވަލިއްޔުލް އަމުރަަކާއި ދޭތެރޭ ޚިޔާލު ތަފާތުވިޔަސް އައްޑޫ ރައްޔިތުން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރިއްޔާ ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން