ނުކުރެވޭނެ ކަންތައްތަކަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވައުދުވެވަޑައިނުގަންނަވާނެ ކަމަށް ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖްލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީއިން އދ. ކުނބުރުދޫއަށް ކުރެއްވި ދަތުރުގައި އެ ރަށުގައި ބޭއްވި 'ހާސް ކަނޑާލާ! ހަމަޖެހޭނެ!' ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަލީ ވިދާޅުވީ 1980 ވަނަ އަހަރާއި ހަމައަށް ދިވެހިން ތިބީ ފަލަ މަޑީގެ ބާވަތްތައް ބޭނުންކޮށްގެން އަމިއްލަ އުފެއްދުންތަކަށް ބަރޯސާވެގެން ކަމަށާއި އެހެން ނަމަވެސް މިއަދު މަންޒަރު ތަފާތު ކަމަށެވެ. އޭނާ ވިދާޅުވީ ހަނޑޫ ފަދަ ބާވަތްތައް ރާއްޖޭގައި ނުހެދުނަސް، ރާއްޖޭގައި އުފެއްދޭނެ ދަނޑު ގޮވާމާއި، ތަރުކާރީއާއި މޭވާގެ ބާވަތްތަކަކީ ރާއްޖޭގައި ނުއުފެދޭނެ އެއްޗެހި ނޫން ކަމަށާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ތަކެތި އުފެއްދުމަކީ ގާސިމްގެ މެނިފެސްޓޯގައި ރޭވިފައި އޮތް އެއް ކަންތައް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ބޭސްފަރުވާއަށް ބޭރުގައުމުތަކަށް ދާން ޖެހުމާއި ކާބޯތަކެތި ހޯދުމަށް ބޭރު ގައުމުތަކަށް ބަރޯސާވާން ޖެހުމަކީ ދިވެހިންގެ މިނިވަންކަމާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމެއް ކަމަށާއި މިއީ ސަލާން ޖެހުން ހުއްޓުވަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބޭނުންވާ ވަސީލަތްތައް ނެތުމުން ޓެކްސް ނަގައިގެން ނޫން ގޮތަކަށް ދައުލަތަށް އާމްދަނީ ނުލިބޭ ކަމަށް އަލީ ޙުސައިން ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު، ދިވެހިން ބޭސް ފަރުވާ ކުރަން ބޭރު ގައުމުތަކަށް ދަތުރުކުރުން ނޫން އެހެން ގޮތެއްވެސް ފަހިކުރުމަކީ ގާސިމްގެ އެއް ވައުދު ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ. އެގޮތުން،، ރާއްޖޭގައި ބޭސް ފަރުވާ ކުރިއެރުވުމަށް ވަސީލަތްތަކާއި ފެންވަރު ރަނގަޅު ޑޮކްޓަރުން ތަމްރީން ކުރުމަކީ ޖޭޕީއިން ތައްޔާރުކުރި މެނިފެސްޓޯގެ އެއް އަމާޒުކަން އޭނާ ފާހަގަކުރެއްވިއެވެ.

ގާސިމަކީ ދިވެހި ދަރީންގެ ތައުލީމަށާއި ސިއްހީ ފަރުވާއަށް އަމިއްލަފުޅު އާމްދަނީން ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން