މަލާމާތް ކުރާ މީހުން މަލާމާތް ކުރަނީ ސަބަބުތަކާއި ލައިގެން ކަމަށާއި މަލާމާތް ރައުދުވާނީވެސް ފާހަގަކުރެވޭ ކަމެއް ހުރުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަރިއަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އދ. ހަންޏާމީދޫގައި "ހާސްކަނޑާލާ! ހަމަޖެހޭނެ!" ނަމުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ މަލާމާތް ކުރާ މީހުން ކުރާ މަލާމާތްތަކަށް އެ މަނިކުފާނު އެއްގޮތަކަށްވެސް ހާސްވެ ކަންބޮޑު ނުވާ ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށްވެސް ކަންބޮޑުނުވޭ އަޅުގަނޑާއި ދިމާލަށް މަލާމާތްކޮށްފާނެތީއެއް. މޭވާ ނާޅާ ގަހަކަށް ގަޅި އުކާނެތޯ؟ އެހެންވީމަ އަޅުގަނޑަށް މަަލާމާތް ކުރާ ސަބަބަކީ ޖެހިލުންވާތީ ނުވަތަ އެހެން ސަބަބަކާއި ގުޅިގެން." ގާސިމް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ޤާސިމް ވިދާޅުވީ، އަނބުގަހެއްގައި އަނބުއަޅައި ފުރިފައި ހުރި ނަމަ ގަޅި އުކާނެ މީހުން ވާނެ ކަމަށާއި ހުސްފަތް ހުރި ގަހެއް ނަމަ ގަޅި އުކާނެ މީހަކު ނުލިބޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަމަށާއި މަލާމާތް ރައްދުވުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޢާންމު ކަމެއް ކަމަށެވެ.

އެމަނިކުފާނަކީ އެކި ރޮނގުރޮނގުން ގައުމަށް ޚިދުމަތް ކުރަށްވާފައިވާ ބޭފުޅެއްކަން އެންމެންނަށްވެސް އެނގޭކަމަށާއި، އެހެންކަމުން އިންތިޚާބުގައި މެޖޯރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން