އެމްޑީޕީއަކީ ގޯޯސް ޕާޓީއެއް ނޫން ކަމަށާއި މައްސަލަ އުޅެނީ އެ ޕާޓީގެ އިސްބޭފުޅުންގެ ކިބައިގައިކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ. ކުނބުރުދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް އަރިއަތޮޅަށް ވަޑައިގެންނެވީ ހދ، ށ، އަދި ނ އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.



އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުނބުރުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާއިރު ވަރަށް ގިނަ ކަންކަމަށް ވިސްނަންޖެހޭކަމަށެވެ.

ގާސިމް ވިދާޅުވީ އަންނަމަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓްދެއްވާއިރު ޤައުމުގެ އަމާންކަމަށްޓަކައި، މިނިވަންކަމަށްޓަކައި ވޯޓްލާންޖެހޭ ކަމަށެވެ.



ގާސިމްގެ ވާހަކަފުޅުގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ވިދާޅުވީ، ސަރުކާރަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ނެތްކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިގައި އެދެންވެސް ލަދު ގަންނަންޖެހޭކަމަށެވެ. ރައްޔިތުން ވޯޓު ދޭން ޖެހޭނީ އިޙްލާސްތެރިކަމާއިއެކުގައި ޤައުމަށް ޚިދުމަތް ކުރައްވާނެ ބޭފުޅަކަށް ކަމުގައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީއާއި އެހެން ޕާޓީތައް ގުޅިގެން އިސްލާހަށް ކުރެވުނު މަސައްކަތުގައި ހޯދުނު ކާމިޔާބީތައް ފަހަަތަށް ސޮއްސާލައިފައިވާ ކަމަށާއި، ނަމަވެސް އެމްޑީޕީއަކީ ގޯސް ޕާޓީއެއް ނޫންކަމަށެވެ. އަދި މައްސަލަ އުޅެނީ އެމްޑީޕީގެ އިސް ބޭފުޅުންގެ ކިބައިގައިކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގާސިމް އިބްރާހިމް ވަނީ އެ އަތޮޅުގެ ގިނަ ރަށްތަކަކަށް މިއަދުވެސް ވަޑައިގެންފައެވެ. އެ ރަށްރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން