ސަރުކާރުން ކަނޑައަޅާ އިދާރާއަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދެވޭގޮތަށް އެކަމާއި ގުޅޭ ޤަވާއިދު އިސްލާހުކޮށްފިއެވެ.

ސަރުކާރުން މި އިސްލާހު ގެނެސްފައިވަނީ "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" އަށެވެ.

މި ޤަވާއިދު ކުރިން އޮތްގޮތުން ގޯތީގެ ރަޖިސްޓްރީ ދެވޭނީ ލޯކަލް ކައުންސިލްތަކަށެވެ. ނަމަވެސް އެ ޤަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ބޯހިޔާވަހިކަން ދިނުމަށް ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ދޫކުރަންޖެހޭ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ އިދާރާއަކަށް ދެވޭނެއެވެ.

މި ޤަވާއިދު އިސްލާހުކޮށްފައި މިވަނީ މި ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޤަވާއިދަށް ގެނައި އިސްލާހުގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއްގެ ދަށުން ގޯތި ދޫކުރާއިރު ގޯތީގެ ދާއިމީ ރަޖިސްޓްރީ އެމީހަކަށް ދޫކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ނުހިއްކާ ނުވަތަ އިން ނުކަނޑާ އޮތް ތަނަކުންވެސް ގޯތި ދޫކުރެވިދާނެކަމަށް ޤަވާއިދުގައިވެއެވެ.

ގެދޮރުވެރިޔާ ސްކީމުން ގިނަ އަދަދެއްގެ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ އެ ފަރާތްތަކުގެ ގޯތީގެ ރަޖިސްޓްރީތައް ހަވާލުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން