ހުޅުމާލެ ފެނަށް ޖެހުނަނުދީ ސަލާމަތްކުރީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުންކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ ހުޅުމާލޭގައި 3000 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ބެހެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލެއަށް ބޭނުންވާ ފެން ނުލިބިދާނެކަމުގެ ބިރު އޮތްކަމަށެވެ. ނަމަވެސް އެކަމަށްޓަކައި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ މައްސަލަ ހައްލުވެފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

"މީގެ ދެތިން ހަފްތާކުރިއަށް ޖެހިލާއިރު ހުޅުމާލެއަށް ފެނަށް ޖެހިދާނެކަމުގެ ބިރު އޮތް. ގުޅީފަޅުގައި ހުރި 50 ޓަނުގެ ފެން ޕްލާންޓެއް އަޅުގަނޑުމެން ނަގައިގެން އައިސްް ހުޅުމާލޭގެ މިތަނުގައި ބެހެއްޓީ މުވައްޒަފުން ކުރި ބުރަ މަސައްކަތުން." ޝާހު ވިދާޅުވިއެވެ.



ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ކުރިއެރުމަށް އެ ކުންފުނީގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އަދި ލިބޭ ކުރިއެރުންތަކަކީ އެތައް ބައެއްގެ މަސައްކަތުން ހާސިލުކުރާ ކާމިޔާބީތަކެއްކަމަށެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ހިންގެވުން ބައްޓަންކުރުމުގައި ރައީސް ސާލިހު ދެއްވާ އިރުޝާދާއި ލަފާ ވަރަށް ބޮޑަށް ބަލައިގަނެ، އެގޮތަށް ކަންކަން ކުރެއްވުމަށް މަސައްކަތްކޮށްފައިވާނޭކަމަށެވެ. އެގޮތުން އެ ކުންފުނީގެ ހިދުމަތަކީ އަސާސީ ހިދުމަތަކަށްވުމުން ހިދުމަތުގެ އަގުބޮޑުނުކުރުމަށް ރައީސް އިރުޝާދުދެއްވާކަމަށެވެ. އަދި އަންހެނުން މުވައްޒަފުންގެ އަދަދުވެސް ރައީސްގެ އެދިލެއްވުމާއި އެއްގޮތަށް އިތުރުކޮށްފައިވާކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ މަސައްކަތް އަދިވެސް ދާނީ ބުރަވަމުންކަމަށާއި، މާލެ ސަރަހައްދުން ގޯތި ދީފައިވާ ތަންތަނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތަށްވެސް އެމްޑަބްލިޔުއެސްސީން ކުރަންޖެހޭ މަސައްކަތްތައް ގިނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން