ކިތަންމެ ގިނަ ބޭފުޅުން ކުރިމަތިލެއްވި ނަމަވެސް މި ރިޔާސީ އިންތިހާބަކީ އެމްޑީޕީ އާއި ޕީޕީއެމާއި ދެމެދު ހިނގާ އިންތިހާބެއް ކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރަށްވައެވެ. މިއިންތިހާބަކީ ފަހުގެ ތާރިޚެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަށްވާ ރިޔާސީ އިންތިހާބެވެ. ރިޔާސީ އިންތިހާބާއި ގުޅިގެން އެމްޑީޕީއަށް ތާއިދުކޮށް ކެމްޕޭންގައި އުޅުއްވާ ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވީ، ކެމްޕޭންގައި ރާއްޖޭގައި ވަރަަށް ގިނަ ރަށްރަށައް ދަތުރު ކުރަށްވާފައިވާ ކަމަށެވެ. އެ ދަތުރުތަކުން ސާފުވި އެންމެ ބޮޑު ހަގީގަތަކީ ކިތަންމެ ގިނަ ބޭފުޅުން ވާދަކުރެއްވި ނަމަވެސް މި އިންތިހާބަކީ އެމްޑީޕީއާއި ޕީޕިއެމާއި ދެމެދު ހިނގާ އިންތިހާބެއްކަން ކަމަށް ދިޔާނާ ވިދާޅުވިއެެވެ.

"އެނގުނީ މި އިންތިހާބަކީ އެމްޑީޕީއާ ޕީޕިއެމާއި ދެމެދު ހިނގާ އިންތިހާބެއްކަން، އަދި ބޮޑުކޮށް އޮތީ އެމްޑީޕީއަށް،" ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް އިސްލާހީ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރަށްވާފައިވާ ދިޔާނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާ 8 ކެންޑިޑޭޓުން ވެސް ގެންދަވަނީ އެބޭފުޅުންގެ ސިޔާސަތުތަކާއި މެނިފެސްޓޯ ހާމަކޮށް ރައްޔިތުންގެ ތާއިދު ހޯދުމަށް ކެމްޕޭން ހަރަކާތްތައް ބާއްވަމުންނެެވެ. އެގޮތުން އިންތިހާބަށް ދެ ހަފުތާއަށް ވެފައިވާއިރު ކެމްޕޭން ފޯރި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ވަނީ ވަރަށް ގަދަވެފައެވެ.

އޭގެ ތެރެއިން ވެސް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އެމްޑީޕީއާއި ޕީޕިއެމާއި ދެމެދުއެވެ. އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް-ޕީއެންސީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަށްވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން