ގޯއްޗާއި ފުލެޓް ޔަގީން ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރު ދެމެހެއްޓުމަކީ ލާޒިމްކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މިސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުތަކުން ގޯއްޗާއި ފުލެޓަށް އެދުނު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯއްޗާއި ފުލެޓް ދިނުމަަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިދައުރު ނިމުމުގެ ކުރިން މާލެއިން ގޯއްޗަށް އެދުނު ހުރިހާ ފަރާތްތަކަށް ގޯތި ދިން ކަމުގެ ލިޔުން ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ގޯއްޗާއި ފުލެޓް ޔަގީންކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރު ދެމެހެއްޓުމަކީ ލާޒިމް ކަމެއް ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ހުރިހާ ކަމެއް އޮޅާލައި "ހޮޅި" ކޮށްލާނެ ކަމަށާއި، އެކަމާ މެދު ރައްޔިތުން މިއަދު ވިސްނަންޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ.



"ދެންމެ ވެސް އެޕާޓީ (ޕީޕިއެމްގެ) މަޖިލިސް މެމްބަރަކު އެދިޔައީ ތިޔަ ގޯތި ފެލާލާނަމޭ ކިޔާފައި، ވިސްނާ،" ނިހާދު ވިދާޅުވިއެވެ.

ނިހާދު މިހެން ވިދާޅުވެފައިވާއިރު އެެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ގުޅީފަޅުން ދޫކުރި ޕްލެޓްތައް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އަތުލެއްވި ކަމަަށް ރައީސް ސާލިޙު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ގެންދަވަނީ ވެރިކަމަށް ވަޑައިގެންފިނަމަ މި ސަރުކާރުން ދޫކުރާ ގޯތިތައް އިމާރަތް ކުރުމަށް އެހީތެރިވެދީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަށްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދިނުމަށް ނިންމާފައިވާއިރު ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދިނުމަަށް ވަނީ ނިންމާފައެވެ. މިސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓްގެ ގޯއްޗެވެ. އަދި އެންމެ ކުޑަކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަފޫޓްގެ ގޯއްޗެވެ.

ގޯއްޗަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން