އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯއްދަވާނީ މާލޭ ސިޓީން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން މައްޗަންގޮޅި ދެކުނު ޒުވާނުންގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ މާލެ އަކީ ރިޔާސީ އިންތިހާބުގައި ގާތްގަނޑަކަށް 50000 ވޯޓް އޮތްތަނެއް ކަމަށާއި، ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙު އެންމެ ބޮޑު ނަތީޖާ އެއް ހޯއްދަވަނީ މާލޭ ސިޓީން ކަމަށެވެ. މޫސަ ވިދާޅުވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ ގިނަ ވޯޓްތަކެއް އެމްޑީޕީއަށް ގެއްލިގެންދިޔައީ އެޕާޓީގެ ތެރޭގައި ތިބި ބަޔަކު ކުރިކަމެއްގެ ސަބަބުން ކަމަށެވެ.

އެގޮތުން އެ އިންތިހާބުގައި އޭރުގެ އެމްޑީޕީގެ ޗެއާޕާސަން އާއި މާލޭގެ މެމްބަރުންނާއި ސަރުކާރާއި ދެމެދު ޚިޔާލު ތަފާތުވެ ކެމްޕޭނަށް ނުނުކުތުމުގެ ސަބަބުން އެމްޑީޕީގެ މެމްބަރުން އެފަހަރު ވޯޓްލާން ނުނިކުންނަ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެހެންވީމަ އިދިކޮޅު ޕީޕިއެމަށް މެޖޯރިޓީ އެ ލިބުނީ، މިފަހަރު ކުޅި ދައްކާލަން، މިފަހަރު ފެންނާނެ އިންތިހާބު، މި އިންތިހާބުގެ ނަތީޖާގެ އެންމެ ބޮޑު ނަތީޖާ އެއް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ހޯދައިދޭނީ މި މާލޭގެ ރައްޔިތުން، ގެރެންޓީ އާއެކު މިދަންނަވަނީ،" މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ސާޅިސް އަހަރަށް ފަހު ހުޅުމާލެއިންނާއި ގިރާވަރުންނާއި ގުޅީފަޅުން ގޯތި ދިނީ ރައީސް އިބްރާހިމްގެ ސަރުކާރުން ކަމަށެވެ. އަންނަ ހަފުތާ ތެރޭގައި މާލޭގެ ރަައްޔިތުންނަށް ގޯތި ދިން ކަމުގެ ލިޔުންތައް ސަރުކާރުން ހަވާލުކުރަން ފަށާނެ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މާލޭގެ އާބާދީ އިތުރުނުވެ އޮތީ ބޯހިޔާވަހިކޮށްލާނެ ގޮތެއް ނެތިގެން ކަމަށާއި ވަރި ގިނަވަނީ ދިރިއުޅެވޭނެ ގޮތެެއް ނެތުމުގެ ސަބަބުން ކަމަށެވެެ. މޫސަ ވަނީ މި ސަރުކާރުން ގޯތި ދިނީ ކަނޑު އަޑިން ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަަކަތަކަށް ވެސް ރައްދު ދެއްވާފައެވެ.

"އަޅުގަނޑުމެން މާލޭގެ ރައްޔިތުންނަށް ގޯތި ދޭތީ އަޅުގަނޑުމެންނަށް ޖޯކު ޖަހާ. އެ މީހުންނަށް ބުނެލަން އޮތީ، މަލާމަތް ކުރާ މީހުން ބުނަނީ ގޯތި ދެނީ ކަނޑު އަޑިންނޭ މާލޭގެ ރައްޔިތުންނަށް އަބަދުވެސް ގޯތި ނަގާފައި އޮންނާނީ މާލޭގެ ހިކިފަސް ތަންކޮޅު ފިޔަވައި މުޅިން ވެސް ކަނޑުއަނޑިން ފަޅުތެރެއިން. އޭރުގައި 1970 ގެ އަހަރުތަކުގައި ވެސް އޭރުގައި ތިބި ވެރިން ވެސް މާލޭގެ މީހުންނަށް ގޯތި ދޭންވީމަ ބިން ހިއްކާފަކާ ނޫން ދިނީ،" މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން