ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ބޭސްފަރުވާއަށް ސަލާންޖެހުން މުޅިން ނިމުމަކަށް ގެނެސްދޭނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވޭމަންޑޫގައި މިރޭ ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ އާސަންދައިން ހިލޭ ބޭސްފަރުވާ ލިބޭނެކަމަށް ބުންޏަސް އެ ނިޒާމުގެ ތެރެއިން ބޭސް ފަރުވާ ހޯދަން އުޅުމަކީ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭސްފަރުވާއަށް ސަލާންޖެހުން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި ލިބެން ނެތް ފަރުވާތައް ހޯދަން ރާއްޖެއިން ބޭރަށް ވަރަށް ގިނައިން ދަތުރުކުރަންޖެހޭ މީހުން ތިބޭއިރު، އެމީހުންނަށް ހަމައެކަނި އާސަންދައިން ދެކޮޅު ޓިކެޓެއް ދީފައި ނިންމާނުލެވޭނެކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން އެފަދަ މީހުންނަށް ކުރިމަތިވަނީ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އާސަންދައިން އެކަށީގެންވާ އެހީތެރިކަމެއް ނުލިބޭތީ އާއްމު ރައްޔިތު މީހާ ޖެހޭނީ ބޭސްފަރުވާއަށް އެހެން މަޖިލިސް މެމްބަރުންނާއި ސަރުކާރު ވެރިން ކައިރިއަށް އާދޭސް ކުރަމުންދާންކަމަށެވެ.

އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމުގައި ރައްޔިތުން ބޭސް ފަރުވާއަށް ސަލާންޖެހުން މުޅިން ނިމުމަކަށް ގެނެސްދޭނެކަމަށެވެ. އަދި ގާސިމް ވަނީ އެކަން މީގެކުރިންވެސް ދިވެހި ރައްޔިތުންނަށް އަމަލީގޮތުން ދައްކުވައި ދެއްވާފައި ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ ރައްޔިތު މީހާއާއި އޭނާގެ އެހީތެރިޔާގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

ގާސިމްގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމަށް އަލި އަލުއްވާލަައްވަމުން އަމީން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޓާޝަރީ ފެންވަރަށް ގިނަ ހޮސްޕިޓަލްތަކެއް ތަރައްގީކުރައްވާނެކަމަށެވެ. މީގެއިތުރުން ކްރޫޒިން ހޮސްޕިޓަލެއްގެ ހިދުމަތް ދިނުމަށްވެސް ނިންމާފައިވާކަމަށް އަމީން ވިދާޅުވިއެވެ.

ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

އަމީން ތ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ ލ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން